ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވަން، ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ދެކޮޅު ހައްދަވައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އާއެކުވެސް، އެކުގައި މަސައްކަތް ކުރުމަށް ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްއިން މަޝްވަރާ ކޮށްފައިވާއިރު، އެ ބޭފުޅުންގެ ހުށަހެޅުމަކީ ރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމެވެ.
ރައީސް ނަޝީދު ވިދާޅުވީ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ސީދާ ރައީސް ޔާމީނާ ބައްދަލުކުރެއްވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުން ވަނީ ކަރެކްޝަންސް ގައި ރަސްމީކޮށް ވެސް އެދިފައެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް "ވީނިއުސް" އަށް ވިދާޅުވީ ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށް ރައީސް ޔާމީން އިއުތިރާޒްވެ ވަޑައިގެންފައި ވާތީ، އެކަން މަޖިލީހުގެ އިދާރާއަށް މިހާރު ލިޔުމުން އަންގާފައި ވާ ކަމަށެވެ.
ކުރިއަށް އޮތް އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން މިމަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނެގުން މުހިންމު ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފައި ވީ ނަމަވެސް އެމްޑީޕީން ވެސް އަދި އިދިކޮޅު ޕީޕީއެމުން ވެސް އެ ހުށަހެޅުމަށް ތާއީދު ކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ރައީސް ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވާ ކަމެކެވެ. އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ގިނަ މެންބަރުންވެސް އެކަމަށް ވަކާލަތު ކުރެއެވެ. ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އާ ދެމެދު ޚިޔާލު ތަފާތުވުން އުފެދުނު އެއް ސަބަބަކީ ވެސް ނިޒާމުގެ ބަހުސެވެ.
އެންމެ ފުރަތަމަ ރާއްޖޭގައި ނިޒާމީ ވޯޓެއް ނެގީ 2007 ވަނަ އަހަރުއެވެ. ރައީސް ޔާމީން އޭރު ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަށެވެ. ނަމަވެސް، ބަރުލަމާނީ ނިޒާމުގެ ނަޒަރިއްޔާތަަށް ތާއީދު ކުރެއްވި ނަމަވެސް ރާއްޖޭގެ ހާލަތަށް ވިސްނަވާއިރު އެމަނިކުފާނަށް ބުރަވެވެން އޮތީ ރިޔާސީ ނިޒާމަށް ކަމަށް ރައީސް ޔާމިން ފަހުން ވިދާޅުވެފައިވެއެވެ.
ނިޒާމީ ވޯޓާ މެދު ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ ހުށަހެޅުމަށް އެއްވެސް ޕާޓީއަކުން ތާއީދު ނުކޮށްފި ނަމަ ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން އެއްވެސް ބައެއްގެ ފަހަތަށް އެރުމަކީ ނާދިރު ކަމެކެވެ.