ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެންޑޯޒް ކުރެއްވި ކަމަށް ބުނާ ވާހަކަ ޖުމްހޫރީ ޕާޓީން ދޮގުކޮށްފިއެވެ.
ޤާސިމް، ޑރ. މުއިއްޒު އެންޑޯޒް ކުރެއްވި ކަމަށް ބުނެ މީސްމީޑިއާގައި އާންމުން އަންނަނީ ފޮޓޯއެއްވެސް ދައުރުކުރަމުންނެވެ. ފޮޓޯއިން ފެންނަނީ ޑރ. މުއިއްޒުގެ ކެންޑިޑޭޓް ނަމްބަރު ރަމްޒުވާ ގޮތަށް ޤާސިމް އިބްރާހީމްގެ ހަތަރު އިނގިލިފުޅު ދައްކަވާ މަންޒަރު ކަމަށް ބުނެ އާންމުން އަންނަނީ އެކްސް އަދި ފޭސްބުކްގައި ހަގީގަތް އޮޅޭގޮތަށް ފޮޓޯ ދައުރުކުރަމުންނެވެ.
ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާން އަލީ ޞާލިހް ވިދާޅުވީ، ފޮޓޯއަކީ ވީޑިއޯއަކުން ނަގާފައިވާ ސްނެޕްޝޮޓެއް ކަމަށާއި ވީޑިއޯ ބެއްލެވުމުން ހަގީގަތް ވަރަށް ސާފުވާނެ ކަމަށެވެ. އަދި ފެންނަ މަންޒަރަކީ ޖުމްހޫރީ ޕާޓީގެ 160ވަނަ ކައުންސިލް ބައްދަލުވުމުގެ ކުރިން ނޫސްވެރިންނާ ހަނާއަޅުއްވާ މަންޒަރު ކަމަށެވެ.
ޤާސިމް އިބްރާހީމް އެވަގުތު އެއް އިނގިލި ލަންބުވާލައްވާފައިވަނީ އަތްޕުޅުގައި އޮތް ޓިޝޫއެއް ހިފެހެއްޓުމަކަށްކަން ބުއްދީގެ ނަޒަރަކުން ވިސްނައިފި މީހަކަށް ސާފުވާނެ ކަމަށް ޢަލީ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓެއް އެންޑޯޒްކޮށް، ތާއީދުނުކުރަން ރާއްޖޭގެ ތިންވަނައަށް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ، ޖުމްހޫރީ ޕާޓީންވަނީ ނިންމާފައެވެ.
ޖޭޕީން މިގޮތަށް ނިންމާފައިވަނީ އެ ޕާޓީގެ 160ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ އެ ޕާޓީގެ ލީޑަރު، އޮނަރަބަލް ޤާސިމް އިބްރާހީމެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ އަށް ކެންޑިޑޭޓަކު ވާދަކުރެއްވިއިރު، އެއްބުރުން އިންތިޚާބު ކާމިޔާބުކުރުމަށް ޤާނޫންއަސާސީން ބުނާ 50 އިންސައްތައާއި އިތުރު އެއްވޯޓު، އެއްވެސް ކެންޑިޑޭޓަކަށް ލިބިފައި ނުވާތީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުމއާއި، ދެވަނަ ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ.
ފުރަތަމަ ބުރުގައި ޑރ. މުއިއްޒުއަށް ވަނީ، ވޯޓުލީ މީހުންގެ 45.07 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ 101،635 ވޯޓެވެ. ރައީސް ޞާލިޙަށް އިންތިޚާބުގައި ލިބިވަޑައިގަތީ 38 އިންސައްތައެވެ. އެއީ ވޯޓުލީ 225،486 މީހުންގެ ތެރެއިން، 86،161 މީހުންގެ ވޯޓެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި، ހާއްސަގޮތެއްގައި އިންތިޚާބުތަކުގައި ގޮތް ނިންމުމުގައި "ކާލާ މަންނަ" ގެ ގޮތުގައި ފާހަގަކުރެވޭ ޖުމްހޫރީ ޕާޓީ އަދި އެ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރައްވަން ނިންމެވިއިރު، ދެވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީން ވެސް ވަނީ ޤާސިމް އިބްރާހީމާ ބައްދަލުކޮށް، ތާއީދު ހޯދަން މަސައްކަތްކޮށްފައެވެ.
އެގޮތުން ޤާސިމްގެ އަރިހަށް އެންމެފުރަތަމަ ވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓުގެ ފަރާތްޕުޅުން ރަނިންމޭޓު، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްދު ލަތީފް (ސެމްބެ) އާއި ޕީޕީއެމްގެ ލީޑާޝިޕްގެ އެހެން ބައެއް އިސް ބޭފުޅުންނެވެ. އެއަށްފަހު ރައީސް ޞާލިޙް ވެސް ވަނީ ޤާސިމްއާ ބައްދަލުކުރެއްވުމަށް ވިލާ ޕާކް ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންފައެވެ. ރައީސް ޞާލިޙާއި ޤާސިމްއާ ދެމެދު ކުރެވުނު މަޝްވަރާތައް ދިގުދެމި، ދެ ދުވަހެއްވަރު ރައީސް ޞާލިޙް ސަން އައިލެންޑް ރިސޯޓުގައި ހުންނެވިއެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ޖޭޕީއާއި ޤާސިމް އެއްވެސް ކެންޑިޑޭޓެއްގެ ފަހަތްޕުޅަށް ނާރުއްވަން ނިންމެވިއިރު، މިއީ ރާއްޖޭގައި ގިނަ ޕާޓީތަކެއް ތަމްސީލުވާގޮތަށް އިންތިޚާބުތައް ބާއްވަން ފެށިފަހުން، ޖޭޕީއާއި ޤާސިމްގެ ހިއްސާއެއް ނެތި އިންތިޚާބުގެ ނަތީޖާ ނުކުންނާނެ ފުރަތަމަ ފަހަރެވެ.
2008ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޤާސިމް ވާދަކުރެއްވިއިރު ދެވަނަ ބުރުގައި ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅަށް އަރައިވަޑައިގެން އެމަނިކުފާނަށް އިންތިޚާބު ކާމިޔާބުކޮށްދެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ވެސް ޤާސިމެވެ. އަދި 2013ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަށް ވެސް އިންތިޚާބު ދެވަނަ ބުރުގައި ކާމިޔާބު ކުރެއްވުނީ ޤާސިމްގެ ތާއީދާއެކުއެވެ.
އެފަހުން 2018ވަނަ އަހަރު އެއްބުރުން ރައީސް ޞާލިޙް އިންތިޚާބު ކާމިޔާބު ކުރެއްވިއިރު، އެފަހަރު އެމަނިކުފާނަށް ވެސް އިންތިޚާބު ކާމިޔާބުކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމެވެ.
ޤާސިމް ފާހަގަކުރެއްވެނީ ސިޔާސީ ގޮތުން ވެސް، ވިޔަފާރީގެ ދާއިރާގައި ވެސް އަދި އެހެނިހެން ހުރިހާ ދާއިރާއެއްގައި ވެސް، ރައްޔިތުންގެ ފަޅިއަށް އަރައިވަޑައިގެން، މި ގައުމަށާއި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއް ނިންމަވައި އެގޮތަކަށް އަމަލުކުރައްވާ ޤައުމަށް ޚިދުމަތްތެރި ޝަހުސިއްޔަތެއްގެ ގޮތުގައެވެ.