ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމީހަކު ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓުދެއްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާހީމް ބާރުއަޅުއްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ އެންމެހާ މެންބަރުންގެ ސަމާލުކަމަށް ޤާސިމް އިބްރާހީމް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، 16 ސެޕްޓެމްބަރ 2023 ވަނަ ދުވަހު މެންދުރުފަހު ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި، ހިނގަމުން މިދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ތާއީދުކުރާނީ ކޮންކެނޑިޑޭޓަކަށްކަން ކަނޑައެޅުމާއި، ނުވަތަ އެއްވެސް ކެނޑިޑޭޓަކަށް ތާއީދުނުކޮށް ނިއުޓްރަލްކޮށް ތިބުމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްގެ ފުރިހަމަ ޢައުލަބިއްޔަތުން އެމަނިކުފާނާ މަތިކުރި ކަމަށެވެ.

އެހިނދު އެމަނިކުފާނު ނިންމާފައިވަނީ ވޭތުވެދިޔަތަނުގައި ކޯލިޝަން ހަދައިގެން ތިން ފަހަރުމަތީންވެސް ލިބުނު ހިތި ނަތީއްޖާއަށް ބެއްލެވުމަށްފަހު، މިއިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަށްކަން ޤާސިމް ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ އެނިންމުމުގެ ސަބަބުން މެންބަރުންގެ ހައްޤަކަށް އުނިކަމެއް އަތުވެދާނެ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގެންނަވާތީ، ޕާޓީގެ ނަން ބޭނުންނުކޮށް އެމެންބަރަކަށް ފެންނަ ކެނޑިޑޭޓަކަށް ތާއީދުކުރުމާއެކު ވޯޓުދިނުމަށް މެސެޖުގައި ޤާސިމް ބާރުއެޅުއްވިއެވެ.

އެއީ ޖުމްހޫރީ ޕާޓީގެ ހަމަކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ޤާނޫނީ ހައްޤެއް ކަމަަށް ދެކެވަޑަައިގަންނަވާ ކަމަކަށް ވެސް ޤާސިމް މެސެޖު ނިންމަވާލައްވަމުން ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ އަށް ކެންޑިޑޭޓަކު ވާދަކުރެއްވިއިރު، އެއްބުރުން އިންތިޚާބު ކާމިޔާބުކުރުމަށް ޤާނޫންއަސާސީން ބުނާ 50 އިންސައްތައާއި އިތުރު އެއްވޯޓު، އެއްވެސް ކެންޑިޑޭޓަކަށް ލިބިފައި ނުވާތީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުމއާއި، ދެވަނަ ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ.

ފުރަތަމަ ބުރުގައި ޑރ. މުއިއްޒުއަށް ވަނީ، ވޯޓުލީ މީހުންގެ 45.07 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ 101،635 ވޯޓެވެ. ރައީސް ޞާލިޙަށް އިންތިޚާބުގައި ލިބިވަޑައިގަތީ 38 އިންސައްތައެވެ. އެއީ ވޯޓުލީ 225،486 މީހުންގެ ތެރެއިން، 86،161 މީހުންގެ ވޯޓެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި، ހާއްސަގޮތެއްގައި އިންތިޚާބުތަކުގައި ގޮތް ނިންމުމުގައި "ކާލާ މަންނަ" ގެ ގޮތުގައި ފާހަގަކުރެވޭ ޖުމްހޫރީ ޕާޓީ އަދި އެ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރައްވަން ނިންމެވިއިރު، ދެވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީން ވެސް ވަނީ ޤާސިމް އިބްރާހީމާ ބައްދަލުކޮށް، ތާއީދު ހޯދަން މަސައްކަތްކޮށްފައެވެ.

އެގޮތުން ޤާސިމްގެ އަރިހަށް އެންމެފުރަތަމަ ވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓުގެ ފަރާތްޕުޅުން ރަނިންމޭޓު، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްދު ލަތީފް (ސެމްބެ) އާއި ޕީޕީއެމްގެ ލީޑާޝިޕްގެ އެހެން ބައެއް އިސް ބޭފުޅުންނެވެ. އެއަށްފަހު ރައީސް ޞާލިޙް ވެސް ވަނީ ޤާސިމްއާ ބައްދަލުކުރެއްވުމަށް ވިލާ ޕާކް ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންފައެވެ. ރައީސް ޞާލިޙާއި ޤާސިމްއާ ދެމެދު ކުރެވުނު މަޝްވަރާތައް ދިގުދެމި، ދެ ދުވަހެއްވަރު ރައީސް ޞާލިޙް ސަން އައިލެންޑް ރިސޯޓުގައި ހުންނެވިއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ޖޭޕީއާއި ޤާސިމް އެއްވެސް ކެންޑިޑޭޓެއްގެ ފަހަތްޕުޅަށް ނާރުއްވަން ނިންމެވިއިރު، މިއީ ރާއްޖޭގައި ގިނަ ޕާޓީތަކެއް ތަމްސީލުވާގޮތަށް އިންތިޚާބުތައް ބާއްވަން ފެށިފަހުން، ޖޭޕީއާއި ޤާސިމްގެ ހިއްސާއެއް ނެތި އިންތިޚާބުގެ ނަތީޖާ ނުކުންނާނެ ފުރަތަމަ ފަހަރެވެ.