ތޫފާން "ޑެނިއަލް" އާއެކު ލީބިޔާގެ އިރުމަތީ ސަރަހައްދުތަކަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 20،000 އިން މައްޗަށް އަރާނެ ކަމަށް ލަފާކޮށްފިއެވެ.
ތޫފާނުގެ ސަބަބުން ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ދިރްނާ ސިޓީން އެކަނިވެސް، މަރުވި މީހުންގެ އަދަދު މިހާރުވަނީ 11،300 އިން މައްޗަށް އަރާފައެވެ.
ދިރްސާ ސިޓީ ފިޔަވައި، ފެންބޮޑުވުމުގެ ސަބަބުން ލީބިޔާގެ އިރުމަތީގެ އެހެން ހިސާބުތަކުން މަރުވި ކަމަށް ރިޕޯޓްކޮށްފައިވަނީ 170 މީހުންނެވެ.
ފެނުގެ ސައިލާއެކު އެތައްހާސް ބަޔަކު އޮޔާގޮސް ވީނުވީއެއް ނޭގި ގެއްލިފައިވާއިރު، މީހުން ހޯދުމުގެ މަސައްކަތް، މީހުން ސަލާމަތްކުރާ ޓީމުތަކުން ވަރަށް ބާރަށް ކުރިއަށް އެބަގެންދެއެވެ.
ލީބިޔާގެ ރެޑް ކްރެސެންޓާ ހަވާލާދީ އދއިން ބުނެފައިވަނީ 10،100 މީހުން ގެއްލިފައިވާ ކަމަށް މިހާތަނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ބައެއް އާއިލާތައް އެއްކޮށް ފެނުގެ ސައިލާއެކު ގެންގޮސްފައިވަނީ ނިދަން ތިއްބާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އައްސޭރިފަށުގެ ދިރްނާ ސިޓީގައި ހާލުގައި ޖެހިފައިވާ މީހުންނަށް އަދިވެސް އެކަށީގެންވާ ގޮތެއްގައި އެހީ ފޯރުކޮށް ނުދެވުމާއި، މީހުން ހޯދުމުގެ މަސައްކަތްވެސް އެންމެ އެދެވޭގޮތެއްގައި ކުރިއަށް ނުދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އދއާއި، ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކުގެ މަސައްކަތް ބައެއް ހިސާބުތަކުގައި މިހާރުވަނީ ފުޅާކޮށްފައެވެ.
ފެންބޮޑުވުމުގެ ސަބަބުން 40،000 މީހުން ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ގޮސްފައިވާއިރު، ފެންބޮޑުވުމުގެ އަސަރު 9 ލައްކައަށް ވުރެ ގިނަ މީހުންނަށް ކޮށްފައިވެއެވެ. އޭތެރެއިން 3 ލައްކައަށްވުރެ ގިނަ މީހުންނަށް އިންސާނީ އެހީ ބޭނުންވާ ކަމަށް، ކަމާބެހޭ އިދާރާތަކުން ބުނެއެވެ.