ހުޅުމާލޭ އުތުރު އަވަށުގެ ހިޔާ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަސްޓްލޭޑީ ފަޒްނާ އަޙުމަދު ވަޑައިގަތުމުން، މަގުމަތިން އެކަމަނާއަށް ފުރައްސާރަކޮށް ހުތުރުބަހުން މުހާތަބުކޮށްފިއެވެ.
ސޯޝަލްމީޑިއާގައި އެމަންޒަރުތައް ފެންނަ ވީޑިއޯތައް މިހާރުވަނީ އާންމުވެފައެވެ. އެވީޑިއޯތަކުން ފެންނަ ގޮތުގައި ފަޒްނާ އެސަރަހައްދުގައި އުޅުއްވި ވަގުތު، ބަޔަކު ވަނީ އެކަމަނާއާ ދެކޮޅަށް އަޑު އުފުލައި، ހަޑިހުތުރު ބަސް ގޮވައިފައެވެ. އެކަމަނާއަށް ނިސްބަތްކޮށް "ބާޣީ" އަށްވެސް ގޮވާފައި ވެއެވެ.
މިކަމާ ގުޅިގެން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުލުހުން ހަރަކާތްތެރިވެ އެ ސަރަހައްދުން މީހަކުވެސް ހައްޔަރުކުރިއެވެ. އޭނާ ހައްޔަރު ކުރީ އެތަނުގައި ހަމަނުޖެހުން ހިންގައިގެން ކަމަށް މައުލޫމާތު ލިބެއެވެ.
މަންޒަރު ދުށް މީހަކު "ވީނިއުސް"އަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހިޔާ ސަރަހައްދަށް އެއްވެ ހަމަނުޖެހުން ހިންގަން މަސައްކަތްކުރީ ސަރުކާ އިދިކޮޅު ސަޕޯޓަރުންތަކެކެވެ. ފަސްޓްލޭޑީ ފަޒްނާއަށް ފުރައްސާރަކުރި މީހުންގެ ތެރޭގައި ދެ ފިރިހެނުންނާއި އަންހެނަކުވެސް ހިމެނޭ ކަމަށް އޭނާ މައުލޫމާތު ދިނެވެ.
ހިޔާ ސަރަހައްދުން އެކަމަނާއަށް "ބާޣީ"އަށް ގޮވި އެކަކަކީ އަހުމަދު އިރުބާލު ނަމަކަށް ކިޔާ ދިވެހި ފިރިހެނެކެވެ.
މިކަމާ ގުޅިގެން މެޑަމް ފަޒްނާ ކުރެއްވި ސޯޝަލްމީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވައްސަށް މިއަދު ދޮރުންދޮރަށް ހިންގެވުމަށް އެކަމަނާ ވަޑައިގެންނެވި ކަމަށާއި އެތާ ތިބި ބޮޑު ދެ ފިރިހެނުން އެކަމަނާގެ ފަހަތުން ފުރައްސާރަ ކުރަމުން ހިނގި ކަމަށެވެ.
އެމީހުން އެއީ އިދިކޮޅު ކެންޑިޑޭޓަށް ތާއީދުކުރާ ބައެއް ކަމަށް ތުހުމަތުކުރެވޭ ކަަމަށާއި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިކަމުން ރެކިވަޑައިގަތުމަށް މަސައްކަތްކުރައްވާ ކަމަށް މެޑަމް ފަޒްނާ ވިދާޅުވިއެވެ.
ފަސްޓްލޭޑީ ވިދާޅުވި ގޮތުގައި، ބޮޑު ދެ ފިރިހެނުން ފުރައްސާރަކުރަމުން ނުހިނގި ނަމަ އެކަމަނާ އެތަނަށް ވަޑައިގެންކަންވެސް ގިނަ މީހުނަށް ނޭނގޭނެއެވެ.
އެ ހުތުރު އަމަލުގެ ސަބަބުންވީ ފައިދާ ކަމަށާއި މިހުން އައިސް ސަލާންކޮށް ގައިގައި ފިރުމާ ފޮޓޯނަގަން އެދުނު ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވިދާޅުވީ، ނުވިތާކަށް ވަދެވަދައިގަތުމަށް ޝެޑިއުލްކުރައްވާފައި ނުވާ ފްލެޓްތަކުންވެސް ދައުވަތު ލިބިވަޑައިގެން ކަމަށެވެ.
"މަޣްރިބް ނަމާދައް ގޮވުމާއި، އެހެން މީޓިންނެއް 6:30 ގައި އޮތުމާއިއެކު މިއަދަށް ނިންމާލީއެވެ." މެޑަމް ފަޒްނާގެ ޕޯސްޓްގައި ވެއެވެ.