ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް ހުޅުވާލި ތިން ދުވަހުގެ މުއްދަތުގެ ތެރޭގައި 40،000 އަށްވުރެ ގިނަ ހުށަހެޅުން ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިންތިޚާބުގެ ދެވަނަ ބުރު މިމަހުގެ 30 ވަނަ ދުވަހު ބާއްވައިރު އެދުވަހުގެ ކުރިން 18 އަހަރު ފުރޭ ޒުވާނުންނަށްވެސް ދެވަނަ ބުރުގައި ވޯޓު ލެވޭނެ ކަމަށް ކޮމިޝަނުން ބުނެއެވެ.

އެގޮތުން، ދެވަނަ ބުރުގައި އިތުރު 403 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބޭނެއެވެ. މިއާއެކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ޖުމްލަ ޢަދަދަކީ 282،803 މީހުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓަރީވުމަށް ހުޅުވާލީ އާދީއްތަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވިދާޅުވި ގޮތުގައި، ފުރަތަމަ ބުރުގައި 21 ދުވަހުގެ މުއްދަތަކަށް ރީ-ރަޖިސްޓަރީކުރުމަށް ހުޅުވާލައިގެން ނުލިބޭވަރުގެ ބޮޑު ތަރުޚީބެއް މިބުރުގައި އެންމެ ތިން ދުވަހުން ލިބިފައިވާ ކަމަށެވެ.

މިމަހުގެ 15، 16 އަދި 17 ވަނަ ދުވަހަށް ހުޅުވާލި ފުރުސަތުގައި އާދީއްތަ ދުވަހުގެ މެންދުރުފަހު 2:30 އާ ހަމައަށް 33،000 އަށްވުރެ ގިނަ ފޯމް ލިބިފައިވާ ކަމަށާއި އޭގެ ފަހުން ލިބުން ފޯމުތައް ހިމެނޭހެން އަންދާޒާކުރެވޭ ގޮތުގައި އަދަދު 40،000 އަށްވުރެ މައްޗަށް ދާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ހުށަހަޅާ ކޮންމެ ހުށަހެޅުމަކީ އަދި ރީ-ރަޖިސްޓަރީވާނެ ކަމެެއް ނޫން ކަމަށާއި އޮންލައިން ވިޔަސް އަދި ކައުންޓަރަށްވިޔަސް ހުށަހަޅަ ފޯމުތައް ވެރިފައިކުރަން މަރުހަލާތައް ކަޑައްތުކުރާ ކަމަށެެވެ.

މިފަހަރު ގިނަ ފޯމުތަކެއް ހުށަހެޅުމަކީ ރަނގަޅު ފާލެއް ކަމަށާއި އެކަމުން ދޭހަވަނީ ރައްޔިތުންގެ ޝައުގުވެރިކަން މިކަމަށް ހުރި މިންވަރު ކަމަށް ހަސަން ފާހަގަ ކުރެއްވިއެވެ.

މިހާރު ހުށަހަޅާފައިވާ ހުރިހާ ފޯމެއް ޕްރޮސެސްކޮށް ޖަވާބު ފޮނުވަން ދެދުސްވަރު ނަގާނެ ކަމަށާއި ވަރަށް އަވަދިނެތި އީސީގެ މުވައްޒަފުން އެ މަސައްކަތް ކުރިއަށް އެބަ ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއާއި، ދެވަނަ ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ.

ފުރަތަމަ ބުރުގައި ޑރ. މުއިއްޒުއަށް ވަނީ، ވޯޓުލީ މީހުންގެ 45.07 އިންސައްތަ ވޯޓު ހޯއްދަވާފަވެ. އެއީ 101،635 ވޯޓެވެ. ރައީސް ޞާލިޙަށް އިންތިޚާބުގައި ލިބިވަޑައިގަތީ 38 އިންސައްތައެވެ. އެއީ ވޯޓުލީ 225،486 މީހުންގެ ތެރެއިން، 86،161 މީހުންގެ ވޯޓެވެ.