ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެންބަރަކަށް ނުވަތަ ކަމާ ނުބެހޭ އެއްވެސް ފަރާތަކަށް ދީފައި ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު މިފަދައިން ވިދާޅުވެފައިމިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީކުރަން ހުޅުވާލި ފުރުސަތުގައި މިހާތަނަށް ޖުމްލަ 25،493 ފޯމު ހުށައަޅާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރުމާއި ގުޅިގެން، އިންތިހާބުގައި ވާދަކުރާ ދެ ޕާޓީގެ ލީޑަރުންނާއި މެމްބަރުން އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް އަމާޒުކުރަން ފަށާފައިވާ ވަގުތެއްގައެވެ.

ކޮމިޝަންގެ ނައިބުރައީސް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަން އޮންލައިން ޕޯޓަލް ހެކް ކުރުމަށް، ބޭރުން މަސައްކަތްކޮށް، އެޓޭކްތަކެއް ދޭން އުޅުނަސް، އެކަން ދެނެގަނެ، ޙައްލުކުރުމުގެ ޤާބިލުކަން، އީސީގައި ގާއިމްކޮށްފައި ހުންނާނެ ކަމަށެވެ.

އަދި ރީ-ރަޖިސްޓްރޭޝަން ޕޯޓަލްއާ މެދު ޙަގީގަތާ ޚިލާފު ޚަބަރުތައް ނުފެތުރުމަށް ހަބީބު ވަނީ އެދިވަޑައިގެންފައެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ލުމުގެ ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކުރަމުން އަންނައިރު ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވިދާޅުވި ގޮތުގައި، ފުރަތަމަ ބުރުގައި 21 ދުވަހުގެ މުއްދަތަކަށް ރީ-ރަޖިސްޓަރީކުރުމަށް ހުޅުވާލައިގެން ނުލިބޭވަރުގެ ބޮޑު ތަރުޚީބެއް މިބުރުގައި އެންމެ ތިން ދުވަހުން ލިބިފައިވާ ކަމަށެވެ.

މިމަހުގެ 15، 16 އަދި 17ވަނަ ދުވަހަށް ހުޅުވާލި ފުރުސަތުގައި އާދީއްތަ ދުވަހުގެ މެންދުރުފަހު 2:30އާ ހަމައަށް 33،000 އަށްވުރެ ގިނަ ފޯމް ލިބިފައިވާ ކަމަށާއި އޭގެ ފަހުން ލިބުން ފޯމުތައް ހިމެނޭހެން އަންދާޒާކުރެވޭ ގޮތުގައި އަދަދު 40،000 އަށްވުރެ މައްޗަށް ދާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.