ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރ ކުރުމަށް ހުޅުވާލި ތިން ދުވަހުގެ މުއްދަތުގެ ތެރޭގައި، ޖުމްލަ 47،000 އަށްވުރެ ގިނަ ހުށަހެޅުން ލިބިފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިންތިޚާބުގެ ދެވަނަ ބުރު މިމަހުގެ 30 ވަނަ ދުވަހު ބާއްވާއިރު، އެދުވަހުގެ ކުރިން 18 އަހަރު ފުރޭ ޒުވާނުންނަށްވެސް ދެވަނަ ބުރުގައި ވޯޓުލެވޭނެކަމަށް ކޮމިޝަނުން ބުނެއެވެ.
އެގޮތުން، ދެވަނަ ބުރުގައި އިތުރު 403 މީހަކަށް ވޯޓުލުމުގެ ހައްގު ލިބޭނެއެވެ. މިއާއެކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ޖުމްލަ ޢަދަދަކީ 282،803 މީހުންނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓަރީވުމަށް ހުޅުވާލީ އާދީއްތަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ، ދެވަނަ ބުރުގައި 47،000 އަށްވުރެ ގިނަ މީހުންވަނީ، ރީ-ރަޖިސްޓަރ ކުރަން ހުށަހަޅާފައި ކަމަށެވެ.
މީގެތެރެއިން، 19،000 އަށްވުރެ ގިނަ ފޯމުވަނީ ޕްރޮސެސްކޮށް އާދީއްތަ ދުވަހުގެ ނިޔަލަށް ރީ-ރަޖިސްޓަރ ކޮށްދެވިފައި ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 27،000 އަށްވުރެ ގިނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދަނީ ކުރަމުން ކަމަށެވެ.
ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެ ކަމަށާއި އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޢާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ޙިއްޞާކުރާނެކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި މައުލޫމާތައް ބަލާއިރު، ދެވަނަ ބުރުގައި ވޯޓް ލުމަށް ރީ-ރަޖިސްޓަރ ކުރި މީހުންގެ އަދަދު ފުރަތަމަ ބުރުގައި ރީ-ރަޖިސްޓަރ ކުރި މީހުންނަށްވުރެ ވެސް ގިނައެވެ.
ފުރަތަމަ ބުރުގައި ރީ-ރަޖިސްޓަރ ކުރީ 42،867 މީހުންނެވެ. އެބުރުގައި މިކަމަށް 21 ދުވަސް ދިން ނަމަވެސް މިފަހަރު ދީފައިވަނީ ތިން ދުވަހެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވިދާޅުވި ގޮތުގައި، ފުރަތަމަ ބުރުގައި 21 ދުވަހުގެ މުއްދަތަކަށް ރީ-ރަޖިސްޓަރީކުރުމަށް ހުޅުވާލައިގެން ނުލިބޭވަރުގެ ބޮޑު ތަރުޚީބެއް މިބުރުގައި އެންމެ ތިން ދުވަހުން ލިބިފައިވާ ކަމަށެވެ.
އޭނާވެސް ވިދާޅުވީ، މިމަހުގެ 15، 16 އަދި 17 ވަނަ ދުވަހަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ކޮންމެ ހުށަހެޅުމަކާއެކު އަދި ރީ-ރަޖިސްޓަރީ ނުވާނެ ކަމަށާއި، އޮންލައިން ވިޔަސް އަދި ކައުންޓަރަށްވިޔަސް ހުށަހަޅާ ފޯމުތައް ވެރިފައިކުރަން މަރުހަލާތައް ފުރިހަމަކުރާ ކަމަށެެވެ.
މިފަހަރު ގިނަ ފޯމުތަކެއް ހުށަހެޅުމަކީ ރަނގަޅު ފާލެއް ކަމަށާއި އެކަމުން ދޭހަވަނީ ރައްޔިތުންގެ ޝައުގުވެރިކަން މިކަމަށް ހުރި މިންވަރު ކަމަށް ހަސަން ފާހަގަކުރެއްވިއެވެ.
މިހާރު ހުށަހަޅާފައިވާ ހުރިހާ ފޯމެއް ޕްރޮސެސްކޮށް ޖަވާބު ފޮނުވަން ދެދުސްވަރު ނަގާނެ ކަމަށާއި ވަރަށް އަވަދިނެތި އީސީގެ މުވައްޒަފުން އެ މަސައްކަތް ކުރިއަށް އެބަގެންދާކަން އޭނާވެސް ފާހަގަކުރެއްވިއެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއާއި، ދެވަނަ ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ.
ފުރަތަމަ ބުރުގައި ޑރ. މުއިއްޒުއަށް ވަނީ، ވޯޓުލީ މީހުންގެ 45.07 އިންސައްތަ ވޯޓު ހޯއްދަވާފަވެ. އެއީ 101،635 ވޯޓެވެ. ރައީސް ޞާލިޙަށް އިންތިޚާބުގައި ލިބިވަޑައިގަތީ 38 އިންސައްތައެވެ. އެއީ ވޯޓުލީ 225،486 މީހުންގެ ތެރެއިން، 86،161 މީހުންގެ ވޯޓެވެ.