ވޯޓުލާ މަރުކަޒަށް ފޮޓޯ ނެގޭ ގަލަަން ވެއްދި މައްސަލައިގައި ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

އެސްޖީ މިހެން ވިދާޅުވީ ބ. ތުޅާދޫގައި ކެމެރާ ހަރުކޮށްފައިވާ ގަލަމަކުން ވޯޓު ކަރުދާސްކޮޅެއްގެ ފޮޓޯ ނެގި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަމުންދާ ވަގުތެއްގައި ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ވޯޓުލާ މަރުކަޒަށް ކެމެރާ ހަރުކޮށްފައިވާ ގަލަމެއް ވައްދައިގެން ފޮޓޯނެގި ފަރާތްތަކުގެ މައްސަލައިގަ ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާނެ ކަމަށާއި ވޯޓުލާން އަންނަ މީހުންގެ އިތުރުން އޮބްޒާވަރުންނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން، އޮފިޝަލުންވިޔަސް ގާނޫނާ ގަވާއިދާ ޚިލާފު އަމަލެއް ހިންގައިފިނަމަ އެކަންކަމުގައި ދުލެއް ނުދޭނެ ކަމަށެވެ.

ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ޔަގީންކަން މިދެނީ އެއްވެސް ފަރުދަކަށްވިޔަސް އޮފިޝަލަކަށްވިޔަސް ވޯޓުލުމުގެ އިންތިޚާބީ ނިޒާމު ގަޑުބަޑުކޮށްލުމުގެ ފުރުސަތުދީގެން އަޅުގަނޑުމެން ލޯމަރައިގެން ނުތިބޭނެ. ވަރަށް ސާފުކޮށް މިދަންނަވަނީ ވޯޓުލާ މަރުކަޒުތަކުގަ ގާނޫނާ ގަވާއިދުގަ ވެއްދުން މަނާ އެއްވެސް އެއްޗެއް ވޯޓުލާން ވަޑައިގަންނަވާއިރު ނުގެންދަވާށޭ. އޮޅުވާލައިގެންވެސް މިފަދަ އެއްވެސް އެއްޗެއް ނުގެނައުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. ފެނިއްޖެ ހާލަތެއްގަ އަޅުގަނޑު މިދެންނެވި ފިޔަވަޅު އަޅާނަން."
އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ

ހަސަން ވިދާޅުވީ ފުރިހަމަކުރަންޖެހޭ ލިޔެކިޔުމުގެ ކަންކަން ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ނިމުމުން ޕީޖީ އޮފީހަށް ދައުވާ ކުރުމަށް ފޮނުވާނެ ކަމަށެވެ.

ވޯޓުލާ ސަރަހައްދަށް ވެއްދުން މަނާތަކެތި ގާނޫނުގަ ކަނޑައެޅިގެން ބަޔާންކޮށްފައިވާނެ ކަމަށާއި އެގޮތުން އަޑާއި މަންޒަރު ރެކޯޑު ކުރެވޭ ތަކެއްޗާއި ފޯނުގެ އިތުރުން އަތްދަބަސް އަދި ކެންޑިޑޭޓެއްގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކުރުމަކީ މަނާ ކަމެއްކަން ހަސަން ފާހަގަކުރެއްވިއެވެ.

ވޯޓުލާ މަރުކަޒުތަކުގަ ގާނޫނާ ގަވާއިދާ ޚިލާފަށް ހިންގާ އަމަލުތަކަށް ހަރުކަށި ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވިއެވެ.