ހުޅުމާލޭ އުތުރު އަވަށުގެ ހިޔާ ފްލެޓު ސަރަހައްދަކީ ވަކި ބައެއްގެ ބާރު ހިނގާ ސަރަހައްދެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯއީ، އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިފަދައިން ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ކެމްޕެއިނަށް ހިޔާ ސަރަހައްދަށް އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ ފަޒްނާ އަޙުމަދު ވަޑައިގަތުމުން، ބަޔަކު ނުކުމެ މަގުމަތިން އެކަމަނާއަށް ފުރައްސާރަކޮށް ހުތުރުބަހުން މުހާތަބުކުރުމުންނެވެ.

ސޯޝަލްމީޑިއާގައި އެމަންޒަރުތައް ފެންނަ ވީޑިއޯތައް މިހާރުވަނީ އާންމުވެފައެވެ. އެވީޑިއޯތަކުން ފެންނަ ގޮތުގައި ފަޒްނާ އެސަރަހައްދުގައި އުޅުއްވި ވަގުތު، ބަޔަކު ވަނީ އެކަމަނާއާ ދެކޮޅަށް އަޑު އުފުލައި، ހަޑިހުތުރު ބަސް ގޮވައިފައެވެ. އެކަމަނާއަށް ނިސްބަތްކޮށް "ބާޣީ" އަށްވެސް ގޮވާފައި ވެއެވެ.

މިކަމާ ގުޅިގެން އިލްހާމް ކުރެއްވި ސޯޝަލްމީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ހިޔާ ފްލެޓު ސަރަހައްދަކީ ވަކި ބައެއްގެ ބާރުހިނގާ ސަރަހައްދެއްނޫން ކަމަށާއި ކޮންމެ ރައްޔިތަކަށް މިނިވަންކަމާއިއެކު ކެމްޕޭނު ކުރެވެންވާނެ ކަމަށެވެ.

މަންޒަރު ދުށް މީހަކު "ވީނިއުސް"އަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހިޔާ ސަރަހައްދަށް އެއްވެ ހަމަނުޖެހުން ހިންގަން މަސައްކަތްކުރީ ސަރުކާ އިދިކޮޅު ސަޕޯޓަރުންތަކެކެވެ. ފަސްޓްލޭޑީ ފަޒްނާއަށް ފުރައްސާރަކުރި މީހުންގެ ތެރޭގައި ދެ ފިރިހެނުންނާއި އަންހެނަކުވެސް ހިމެނޭ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ހިޔާ ސަރަހައްދުން އެކަމަނާއަށް "ބާޣީ"އަށް ގޮވި އެކަކަކީ އަހުމަދު އިރުބާލު ނަމަކަށް ކިޔާ ދިވެހި ފިރިހެނެކެވެ.