ހިޔާ ސަރަޙައްދުން އިއްޔެ އެ ފެނުނީ އިންތިޚާބުގެ ދެވަނަބުރު ބޮޑުތަނުންވެސް ރައީސް ސޯލިޙަށް ކާމިޔާބުވަމުންދާ ކަމުގެ ހެކި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ހިޔާ ސަރަހައްދަށް ރައީސް ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވަޑައިގަތުމުން، މަގުމަތިން އެކަމަނާއަށް ފުރައްސާރަކޮށް ހުތުރުބަހުން މުހާތަބުކޮށްފައިވެއެވެ.

ސޯޝަލްމީޑިއާގައި އެމަންޒަރުތައް ފެންނަ ވީޑިއޯތައް މިހާރުވަނީ އާންމުވެފައެވެ. އެވީޑިއޯތަކުން ފެންނަ ގޮތުގައި ފަޒްނާ އެސަރަހައްދުގައި އުޅުއްވި ވަގުތު، ބަޔަކު ވަނީ އެކަމަނާއާ ދެކޮޅަށް އަޑު އުފުލައި، ހަޑިހުތުރު ބަސް ގޮވައިފައެވެ. އެކަމަނާއަށް ނިސްބަތްކޮށް "ބާޣީ" އަށްވެސް ގޮވާފައި ވެއެވެ.

މިކަމަށް ރައްދުދެއްވާ ރީކޯ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ އިންތިޚާބުގެ ދެވަނަ ބުރު މާބޮޑުތަނުންވެސް ރައީސް ސޯލިޙަށް ކާމިޔާބުވަމުންދާ ކަމުގެ ހެކި އިއްޔެ ހިޔާ ސަރަޙައްދުން ފެނުނު ކަމަށެވެ.

ކެމްޕޭނެއްގަ، އަންހެނަކު ފަހާދުވާ ހިސާބަށް އެދަނީ ވަރަށް ބޮޑަށް ބަލިކަށިވީމަ ކަމަށާއި އަދި ފަޒްނާ ވަޑައިގަތީމަ ވޯޓު އިތުރުވާތީ ކަންޔަޤީން ކަމަށްވެސް ރީކޯ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މެޑަމް ފަޒްނާ ކުރެއްވި ސޯޝަލްމީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދޮރުންދޮރަށް ހިންގެވުމަށް އެކަމަނާ ވަޑައިގެންނެވި ކަމަށާއި އެތާ ތިބި ބޮޑު ދެ ފިރިހެނުން އެކަމަނާގެ ފަހަތުން ފުރައްސާރަ ކުރަމުން ހިނގި ކަމަށެވެ.

އެމީހުން އެއީ އިދިކޮޅު ކެންޑިޑޭޓަށް ތާއީދުކުރާ ބައެއް ކަމަށް ތުހުމަތުކުރެވޭ ކަަމަށާއި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިކަމުން ރެކިވަޑައިގަތުމަށް މަސައްކަތްކުރައްވާ ކަމަށް މެޑަމް ފަޒްނާ ވިދާޅުވިއެވެ.

ފަސްޓްލޭޑީ ވިދާޅުވި ގޮތުގައި، ބޮޑު ދެ ފިރިހެނުން ފުރައްސާރަކުރަމުން ނުހިނގި ނަމަ އެކަމަނާ އެތަނަށް ވަޑައިގެންކަންވެސް ގިނަ މީހުނަށް ނޭނގޭނެއެވެ.

މިކަމާ ގުޅިގެން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ނުސީދާކޮށް ވަނީ ފާޑު ވިދާޅުވެފައެވެ.

ޑރ.މުއިއްޒު ވަނީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ މީހުންނަށްވެސް އިހްތިރާމު ކުރަން ޖެހޭނެ ކަމަށާއި އަދި ވާދަވެރި ސިޔާސީ ފަރާތްތަކުން ކުރާ ކަންކަމަށް ރައްދު ދިނުމުގެ ގޮތުން ދަށު ދަރަޖައިގެ އަމަލުތައް ނުހިންގެވުމަށްވެސް އެދިވަޑައިގެންފައެވެ.

ޑރ.މުއިއްޒު ވިދާޅުވީ ސިޔާސީ ކަންކަމުގައި އުޅޭއިރު ހިތްހަމަނުޖެހޭ ކަންކަން ދިމާވާނެ ކަމަށާއި ނަމަވެސް އެކަންކަމަށް ރައްދުދޭއިރު އަމަލާއި ބަހުން ރީތި މިސާލު ދައްކާ ބަޔަކަށްވާންޖެހޭނެ ކަމަށެވެ.