ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ހަވަނަ ޖަލްސާގައި، ހާޒިރީ ފޮތުގައި ސޮއިކުރެއްވި 23 މެމްބަރުންގެ ތެރެއިން 12 މެމްބަރަކު އެއްވެސް މިންވަރަކަށް ބައިވެރިވެވަޑައިނުގަންނަވާކަން މަޖިލީހުގެ ރިޔާސަތުން ހާމަކުރައްވައިފިއެވެ.
ހެނދުނު ނުވައެއް ޖެހިއިރު އެންމެފުރަތަމަ ޖަލްސާ ފަށަން މަސައްކަތްކުރި ނަމަވެސް، އަދި އެފަހުން ވެސް އެތައް ފަހަރަކު ޖަލްސާ ކުރިއަަށް ގެންދަވަން ރިޔާސަތުން މަސައްކަތްކުރެއްވި ނަމަވެސް، ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމައި މިއަދުގެ ޖަލްސާ ވަނީ ނިންމާލާފައެވެ. ޖަލްސާ ފެށުމާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޯރަމް ހަމަނުވުމުން އިތުރަށް ބައި ގަޑިއިރު ކޯރަމް ހަމަވޭތޯ މަޑުކުރައްވައިފައެވެ.
ޖަލްސާ ކުރިއަށް ގެންދެވޭނީ ތަޅުމުގައި މަދުވެގެން 22 މެންބަރުން ހާޒިރުވެ ތިއްބަވާނަމައެވެ.
ހާޒިރީ ފޮތުގައި ސޮއިކުރައްވައި ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވަނީ، މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ މުހައްމަދު އަސްލަމް، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް، ގއ. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން، ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ)، ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު، ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުޢިއްޒު އެވެ.
މީގެއިތުރުން، އިތުރު ދެ މެމްބަރަކު ވެސް ހާޒިރީ ފޮތުގައި ސޮއިކޮށް، ކޮންމެވެސް މިންވަރަކަށް ޖަލްސާގައި ބައިވެރިވި ނަމަވެސް، ފަހުން އެ ދެ މެމްބަރުން ޖަލްސާއަށް ހާޒިރުވެވަޑައިނުގަންނަވާކަން ރިޔާސަތުން ހާމަކުރެއްވިއެވެ. އެއީ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުޙައްމަދު އެވެ.
މަޖިލީހުގެ ރިޔާސަތުން ފާހަގަކުރެއްވި ގޮތުގައި، ހާޒިރީގައި ސޮއިކުރައްވައި ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވި ބައެއް މެމްބަރުން، ޖަލްސާ ކުރިއަށް ދިޔައިރު ތިއްބެވީ މަޖިލީހުގެ ގޯތިތެރޭގައި ހުންނަ ކުޑަތައް ދަށުގައެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 56 މެމްބަރަކު ތިއްބަވާއިރު، މި ޖަލްސާގައި ބައިވެރިވެވަޑައިނުގެން އެ މެމްބަރުން މަޖިލީހުގެ ގޯތި ތެރޭގައި ތިއްބެވިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ތަޅުމަށް ވަދެވަޑައިނުގަންނަވާ ސަބަބެއް އެ މެމްބަރުން ވިދާޅުނުވާ ކަމަށެވެ. އެހެންކަމުން، އެކަން ހައްލުކޮށްދެއްވުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ އަރިހުން ނަޝީދު އެދިވަޑައިގަތެވެ.
ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ކުރިއަށް ނުގެންދެވުނުއިރު، މުހިންމު މައްސަލަތަކެއް އެޖެންޑާކޮށްފައިވެއެވެ. އެގޮތުން ޗާގޯސް އާއި ރާއްޖެއާއި ދެމެދު އޮތް ކަނޑުގެ ސަރަހައްދު ދިވެހި ސަރުކާރުން ދޫކޮށްލި މައްސަލައިގައި މަޖިލީހަށް ހުށަހެޅި ޤަރާރުގެ ބަހުސް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވެއެވެ.
މަޖިލީހުގެ މި ޖަލްސާ ވެސް ކުރިއަށް ގެންދަން ހުރަސް އެޅިފައިވާއިރު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭތާ މިހާރު ދެތިންމަސް ދުވަސް ވެއްޖެއެވެ.