ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ހަވަނަ ޖަލްސާގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރުން ބައިވެރިވެވަޑައިނުގަތީ، މަޖިލިސް، އިދިކޮޅު ކެމްޕެއިން ޖަގަހައަކަށް ބަދަލުކޮށްފައިވާތީކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

މި ޖަލްސާ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރިޔާސަތުން އެތައް ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވެއެވެ. އެހެންނަމަވެސް ކޯރަމް ހަމަނުވެ، މަޖިލިސް ކުރިއަށް ގެންދެވޭގޮތް ނުވުމުން މި ޖަލްސާ ނިންމާލިކަން ރިޔާސަތުން ވަނީ އިއުލާނުކުރައްވާފައެވެ. މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދިއުމަށް ކޯރަމް ހަމަވަނީ މަދުވެގެން 22 މެންބަރުން ހާޒިރުވެ ތިއްބަވާނަމައެވެ.

ގިނަ ވަގުތު ތަކުގައި ތަޅުމުގައި ތިއްބެވީ 11 ވަރަކަށް މެމްބަރުންނެވެ. އޭގެތެރޭގައި ދަ ޑިމޮކްރެޓްސްގެ މެމްބަރުންނާއި، ޖުމްހޫރީ ޕާޓީގެ މެމްބަރެއް އަދި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

ރިޔާސަތުން ހާމަކުރެއްވި ގޮތުގައި ހާޒިރީ ފޮތުގައި 23 މެމްބަރަކު ސޮއިކުރެއްވި ނަމަވެސް އޭގެތެރެއިން 12 މެމްބަރަކު މި ޖަލްސާގައި އެއްވެސް މިންވަރަކަށް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ޖަލްސާގައި ބައިވެރިވެވަޑައިނުގެން، އެ މެމްބަރުން ތިއްބެވީ މަޖިލީހުގެ ގޯތިތެރޭގައި ހުންނަ ކުޑަތައް ދަށުގައި ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ހާޒިރީ ފޮތުގައި ސޮއިކުރެއްވުމަށްފަހު، ތަޅުމަށް ވަޑައިނުގަންނަވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މެންބަރުން މަޖިލިސް ތަޅުމަށް ނުވަދެ ތިއްބެވީ، މަޖިލިސް އިދިކޮޅު ކެމްޕެއިން ޖަގަހައަކަށް ބަދަލުކޮށްފައިވާތީ ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅާފައިވާ މުހިންމު މައްސަލަތައް ބަހަށްޓާފައި، އިދިކޮޅުން ގަރާރު ހުށައަޅައިގެން ކެމްޕެއިން ބަހުސް ކުރަމުންދާކަމަށް މެމްބަރު ޝަރީފް ވިދާޅުވިއެވެ. އެމްޑީޕީގެ މެމްބަރުންނަށް މަސައްކަތްކުރުމުގެ ފުރުސަތު ނުދޭކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 56 މެމްބަރަކު ތިއްބަވާއިރު އެ މެމްބަރުންގެ އެއްބާރުލުން ނުލިބި ޖަލްސާ ނިންމާލަން ޖެހުނުއިރު، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭތާ މިހާރު ދެތިންމަސް ދުވަސް ވެއްޖެއެވެ.