ދެވަނަ ބުރުގަ ތާއީދު ކުރައްވާ ކެންޑިޑޭޓުގެ ނަން ކުރިއަށްއޮތް 24 ގަޑިއިރުތެރޭ ހާމަކުރައްވާނެ ކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އެޑްވައިޒަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމީހަކު ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓުދެއްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާހީމް ވަނީ ޕާޓީގެ މެމްބަރުންނަށް ބާރުއަޅުއްވާފައެވެ.
ގާސިމްގެ މި ނިންމެވުމާއެކު ޖޭޕީގެ އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅުން ގެންދަވަނީ ދެވަނަ ބުރުގައި ތާއީދުކުރައްވާ ކެންޑިޑޭޓުގެ ނަން ހާމަކުރައްވަމުންނެވެ.
އެގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގަ ތާއީދުކުރާ ކެންޑިޑޭޓާއެކު މިހަފްތާގައި ކެމްޕެއިނަށް ނުކުންނަވާނެކަން ރިޔާޒް ހާމަކުރެއްވުމާ ގުޅިގެން ވީނިއުސްއާ ވާހަކަ ދައްކަވަމުން ރިޔާޒް ރަޝީދު ވިދާޅުވީ ސިޔާސީ ބޭފުޅުންނަކީ ފިލައިގެން ތިބޭނެ ބައެއް ނޫން ކަމަށާއި އެންމެ ފަހު ވަގުތާއި ހަމައަށްވެސް އެ މީހަކު ބޭނުންވާ ބަދަލެއް ގެނައުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށެވެ.
ދެ ޕާޓީގެ އިސް ފަރާތްތަކާއެކީ މަޝްވަރާކުރަމުންދާކަން ފާހަގަކުރައްވާ ރިޔާޒް ވިދާޅުވީ އޭގެ ތެރެއިން އެންމެ ހިތްހަމަޖެހޭ ބަޔަކާއެކީ ކުރިއަށްދާނެ ކަމަށެވެ. އަދި ކުރިއަށްއޮތް 24 ގަޑިއިރުތެރޭ އެކަން ހާމަކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތާއީދުކުރައްވާ ކެންޑިޑޭޓަށް ކެމްޕެއިން ކުރުމުގެ މަސައްކަތް ކުރައްވާނީ ފާޅުކަން ބޮޑު ގޮތަށް ކަމަށާއި ޖުމްހޫރީ ޕާޓީ ދޫކޮށް އަދި އެހެން ޕާޓީއަކާ ގުޅުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ސިޔާސީ މަސައްކަތް ކުރާ ފަރާތްތަކަކީ އެ މީހުން އަރާކޮޅެއް އަބަދުވެސް މޮޅުވާން ބޭނުންވާ ބައެއް ކަމަށާއި އެމަނިކުފާނަކީ ސިޔާސީ މައިދާނުގައި ނަމެއްގައި ހުންނެވި ބޭފުޅެއް ނޫން ކަން ރިޔާޒް ފާހަގަކުރެއްވިއެވެ.
ދެވަނަ ބުރުގަ މަސައްކަތް ކުރައްވާނީ ޖުމްހޫރީ ޕާޓީއާ ފެޔަށްޖެހިގެން ނޫން ކަަމަށް ރިޔާޒް ވިދާޅުވިިއިރު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ތާއީދުކުރާނީ ކޮން ކެނޑިޑޭޓަކަށްކަން ކަނޑައެޅުމާއި، ނުވަތަ އެއްވެސް ކެނޑިޑޭޓަކަށް ތާއީދުނުކޮށް ނިއުޓްރަލްކޮށް ތިބުމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްގެ ފުރިހަމަ ޢައުލަބިއްޔަތުން ގާސިމް އިބްރާހީމަށް މަތިކުރިއެވެ.
އެހިނދު އެމަނިކުފާނު ނިންމާފައިވަނީ ވޭތުވެދިޔަތަނުގައި ކޯލިޝަން ހަދައިގެން ތިން ފަހަރުމަތީންވެސް ލިބުނު ހިތި ނަތީއްޖާއަށް ބެއްލެވުމަށްފަހު، މިއިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަށްކަން ޤާސިމް ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ އެނިންމުމުގެ ސަބަބުން މެންބަރުންގެ ހައްޤަކަށް އުނިކަމެއް އަތުވެދާނެ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގެންނަވާތީ، ޕާޓީގެ ނަން ބޭނުންނުކޮށް އެމެންބަރަކަށް ފެންނަ ކެނޑިޑޭޓަކަށް ތާއީދުކުރުމާއެކު ވޯޓުދިނުމަށް މެސެޖުގައި ޤާސިމް ބާރުއެޅުއްވިއެވެ.