ޗައިނާގެ ރައީސް ޝީ ޖިންޕިންއަކީ "ޑިކްޓޭޓަރެއް" ކަމަށް ޖަރުމަނުގެ ޚާރިޖީ ވަޒީރު ލޭބަލް ކުރެއްވުމުން ޗައިނާއިން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ޝަކުވާ އުފުލައިފިއެވެ.

ޗައިނާގެ ޚާރިޖިއްޔާއިން މިއަދު ބުނީ، ޗައިނާގެ ރައީސާ ގުޅޭގޮތުން ޖަރުމަނުގެ ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަތަކަކީ އެއްވެސް ސަބަބަކާ ލައިގެން ދެއްކެވި ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ޗައިނާ ރުޅިއެރުވުމަށް ދެއްކެވި ވާހަކަތަކެއް ކަމަށެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންއަކީ "ޑިކްޓޭޓަރެއް" ކަމަށް ލޭބަލް ކުރައްވައި ޖަރުމަނުގެ ޚާރިޖީ ވަޒީރު އެނަލީނާ ބިއަރބޮކް ވާހަކަ ދެއްކެވީ، ފޮކްސްއިން މިދިޔަ ހަފްތާގައި ގެނެސްދިން ލައިވް ޕްރޮގްރާމެއްގައެވެ.

ޖަރުމަނުގެ ޚާރިޖީ ވަޒީރަކީ އަބަދުވެސް ޗައިނާއާ ދެކޮޅުވެރި ޚިޔާލުގެ ބޭފުޅެކެވެ.

އެ ޕްރޮގްރާމްގައި ޖަރުމަނުގެ ޚާރިޖީ ވަޒީރު ވާހަކަ ދެއްކެވީ ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުންނެވެ.

އެނަލީނާ ބިއަރބޮކް ވަނީ، ރަޝިޔާގެ ރައީސް ޕޫޓިންއަށް ޔޫކްރެއިން ހަނގުރާމަ ކާމިޔާބުވުން ވެގެންދާނީ ޗައިނާގެ ރައީސް ޝީ ފަދަ ޑިކްޓޭޓަރުންނަށް ކޮންކަހަލަ ނިޝާނަކަށްތޯ ސުވާލު ކުރައްވާފައެވެ.

އެނަލީނާ ބިއަރބޮކްގެ މި ވާހަކަތަކާ ގުޅިގެން ޗައިނާ ޚާރިޖިއްޔާގެ ތަރުޖަމާނު މާއޮ ނިންގް މިއަދު ވިދާޅުވީ، އެނަލީނާގެ އެ ވާހަކަތަކަކީ ޗައިނާގެ ސިޔާސީ ގަދަރަށް އުނިކަންދީ، ދައްކެވި ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ.

"އެއީ ކަނޑައެޅިގެން ޗައިނާ ރުޅިއަރުވަން ދެއްކެވި ވާހަކަތަކެއް"
މާއޮ ނިންގް

މާއޮ ނިންގް ވިދާޅުވީ، މިކަމާ ގުޅިގެން ޗައިނާ ސަރުކާރުން ޖަރުމަނު ސަރުކާރަށް ރަސްމީކޮށް މިހާރު ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް މިއަހަރުގެ ޖޫންމަހުވަނީ، ޗައިނާގެ ރައީސް ޝީ އަކީ "ޑިކްޓޭޓަރެއް" ކަމަށް ވިދާޅުވެފައެވެ.