ރާއްޖެ ސަރަހަށްދުގައި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ހަތަރު މަސްބޯޓެއް އަތުލައިގެންފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނީ، ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ހަތަރު މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މިބޯޓްތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އދ. މަހިބަދޫ "އަސުރުމާ" މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މަޢުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައިކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ. މިއީ ކޮން ގައުމެއްގެ މަސްބޯޓްތަކެއްކަމެއް އެމްއެންޑީއެފުން އަދި ހިއްސާކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް މީގެ ކުރިންވެސް ބޭރުގެ މަސް ދޯނިފަހަރާއި ބޯޓުތައް އަތުލައިގެންފައި ވާއިރު ގަވާއިދާއި ހިލާފަށް ހަރަކާތްތެރިވާ މިފަދަ އުޅަނދުތައް ދޫކޮށްލަނީ ފިޝަރީޒް މިނިސްޓްރީން ޖޫރިމަނާކުރުމަށް ފަހު އެ ފައިސާ ދެއްކުމުންނެވެ.

ހުއްދަ ނުހޯދާ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއްޖެނަމަ އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއްކުރަން ކަނޑައަޅާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހަށްދުގައި ބޭރުގެ މަސްވެރި އުޅަނދު ފަހަރުން ރިޕޯޓްކުރުމެއް ނެތި، ގާނޫނާއި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމާއިބެހޭ ގަވައިދު މިދިޔަ އޮގަސްޓްމަހު ވަނީ އާންމުކޮށްފައެވެ.

މިގަވައިދުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ، ބޭރުގެ މަސްވެރި އުޅަނދުފަހަރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި، ބެލެހެއްޓުމެއް ނެތި، އަދި ރިޕޯޓުކުރުމެއް ނެތި، ޤާނޫނާއި ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި، ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއް ނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ބޭރުގެ އުޅަނދުފަހަރު ހިފެހެއްޓުމާއި އެއުޅަނދުފަހަރުގެ މައްސަލަ ބެލުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ޤާއިމުކުރުންވެސް މިގަވައިދުގެ މަގްސަދުތަކުގެ ތެރޭގައި ހިމެއެވެ. އަދި ބޭރުގެ އުޅަނދުފަހަރާމެދު އަޅާނެ އިދާރީ ފިޔަވަޅުތައް ބަޔާންކުރުމަކީވެސް މިގަވައިދުގެ މަގްސަދުގެ ތެރޭގައި ހިމެނެއެވެ.