ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސް އަވަސްކުރުމަށް މެޖޯރިޓީ އޮންނަ އެމްޑީޕީން އެއްބަސް ވެފައި ވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ ނިޒާމާ ބެހޭ ވޯޓެއް ނެގުމަށް އެދި މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. އިލްޔާސް ވިދާޅުވީ އެ ގަރާރު ހުށަހަޅުއްވަން ނިންމެވީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައި ސަރުކާރުތަކުގެ ތަޖުރިބާއަށް ބަލައި، މި ވަގުތަކީ އެ ސުވާލު ރައްޔިތުންނާ ކުރަންވީ ވަގުތު ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އެ ގަރާރުގެ ބަހުސް އަވަސް ކުރުމަށް ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެދިވަޑައިގެންނެވުމުން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އެކަމަށް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ.
ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ޑިމޮކްރެޓްސް އިން އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް / ޕީއެންސީ އާ އެކުވެސް މަޝްވަރާތައް ބާއްވަމުން އަންނައިރު، އެ ޕާޓީގެ ހުށަހެޅުމަކީ މިމަހުގެ 25 ގައި ނިޒާމީ ވޯޓެއް ނެގުމެވެ.
ރައީސް މުހައްމަދު ނަޝީދު ވަނީ ނިޒާމު ބަދަލުކުރުމުގެ މަޝްވަރާ ކުރެއްވުމަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންއާ ބައްދަލުކުރެއްވުމަށް ވެސް މަޝްވަރާ ކުރައްވަފައެވެ. ނަމަވެސް ޔާމީން ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ. އިދިކޮޅާއެކު މަޝްވަރާތައް ހުއްޓި ކަމުގައި ވީނަމަވެސް، ޑިމޮކްރެޓްސްއިން އަންނަނީ އެމްޑީޕީ އާއެކު މަޝްވަރާތައް ބާއްވަމުންނެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ނިޒާމީ ވޯޓެއް ނަގާފައި ވަނީ 2007 ވަނަ އަހަރުއެވެ. އެ އަހަރު ނެގި ސިއްރު ވޯޓުގައި ރިޔާސީ ނިޒާމަށް 95،619 މީހުން ވޯޓު ދީފައި ވާއިރު، ބަރުލަމާނީ ނިޒާމަކަށް ވޯޓު ދިނީ 58،504 މީހުންނެވެ.
އޭގެ ފަހުންވެސް ރައީސް ނަޝީދުޔ ވަނީ ނިޒާމު ބަދަލުކުރުމަށް އެކި ފަހަރުމަތީން މަސައްކަތް ކުރައްވާފައެވެ. ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އާ ދެމެދު ޚިޔާލު ތަފާތުވުން އުފެދުނު އެއް ސަބަބަކީ ވެސް ނިޒާމުގެ ބަހުސެވެ.
ނަމަވެސް ރިޔާސީ އިންތިޚާބަށް ފަހު ނިޒާމީ ވޯޓު ނެގުމަށް އެމްޑީޕީން މިހާރު ވަނީ އެއްބަސްވެފައެވެ.