ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނިމުމުން، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ވޯޓު ނެގިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދަންނަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް ހެންވޭރުގެ ބައެއް ގޭގެއަށް ދޮރުން ދޮރަށް ފެށްޓެއްވުމަށް ފަހު މީޑިއާތަކާ ބައްދަލުކުރައްވައި ނޫސްވެރިއަކު ކުި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ފޯނުން ގުޅުއްވައިގެން ރައީސް ނަޝީދާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، އެމަނިކުފާނުގެ ޕާޓީ، ޑިމޮކްރެޓްސް އިން ހުށަހަޅާފައިވާ ޝަރުތަކީ މި މަހުގެ 25 ގައި ނިޒާމީ ވޯޓެއް ނެގުން ކަމަށެވެ.

ނަމަވެސް ދެވަނަ ބުރަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ނިޒާމީ ވޯޓު ނެގުމަކީ ޕްރެކްޓިކަލް ކަމެއް ނޫން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިންތިޚާބަށް ފަހު ނޮވެމްބަރު 17 ގެ ކުރިން ވޯޓަކަށް ދިޔުމަށް ނަޝީދަށް ހުށަހަޅުއްވާފައި ވާނެ ކަމަށެވެ.

ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރަށް ގޮވާލައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ގަރާރުގެ ބަހުސް އަވަސްކުރުމަށް ވެސް މިހާރު އެއްބަސްވެ ލައްވާފައިވާ ކަމަށެވެ.

އަޅުގަނޑު ދެންނެވިން އެ ފާސްކޮށްފައި އަޅުގަނޑަށް ފޮނުއްވާށޭ، ފޮނުވީމަ އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަށް ލިޔުމަކުން ރިކުއެސްޓް ކުރާނަމޭ މިވެނި ތާރީހެއްގައި އެ ވޯޓު ނަގައިދޭން. އޭރަށް އޮންނާނީ ދުވަސް ވެސް ކަނޑައެޅިފައި
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް

ރައީސް ވިދާޅުވީ އެއަށްފަހު އަދި ރައީސް ނަޝީދު ވަކި ޖަވާބެއް ދެއްވާފައި ނުވާ ކަމަށެވެ.

ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތެއް ޑިމޮކްރެޓްސްއިން މިރޭ ރަސްމީކޮށް ނިންމަން ހަމަޖެހިފައި ވާއިރު، އެ ޕާޓީން އެމްޑީޕީއަށް ތާއީދު ކޮށްފި ނަމަ ފުރަތަމަ ބުރުގައި އެ ޕާޓީން ހޯދި 15،000 އަށް ވުރެ ގިނަ ވޯޓުގެ ބޮޑުބައި ދެވަނަ ބުރުގައި އެމްޑީޕީއަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.