ކަސްޓަމަރުން ސްކޭމް އިން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅެއްގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް އިން އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ޑިވައިސް މެނޭޖްމަންޓް ހިދުމަތް ތައާރަފްކޮށްފިއެވެ.
މި ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކްޓިވް ސެޝަންތައް މޮނީޓަރކޮށް އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ އަށް އެކްސެސް ވެފައިވާ ޑިވައިސްތަކުން ލޮގްއައުޓް ކުރެވޭނެއެވެ. ކަސްޓަމަރުންނަށް އެކްޓިވް ސެޝަން ބަލާލެވުމާއި ބޭނުންވާ ވަކިވަކި އަދި ހުރިހާ ޑިވައިސް އަކުން ވެސް ލޮގްއައުޓް ކުރެވޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ކަސްޓަމަރުންގެ ރައްކާތެރިކަމާއި ސެކުއުރިޓީ ކަށަވަރުކުރުމަށް ބޭންކުން ވަަރަށް ބޮޑު އިސްކަމެއްދޭކަމަށެވެ.
މިފާއިތުވި މަސްތަކުގައި ބޭންކުންވަނީ ކަސްޓަމަރުން ސްކޭމްއިން ރައްކާތެރިކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައެވެ.
ޖޫން މަހު ބޭންކުން ވަނީ ކުއްލި ހާލަތްތަކުގައި އިންޓަރނެޓް ބޭންކިންގ އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރު އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ 'ކިލް ސްވިޗް' ތައާރަފްކޮށްފައެވެ. އަދި މެއި މަހު ބޭންކުން ވަނީ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ ލޮގިންއަށް ޓޫފެކްޓަރ އޮތަންޓިކޭޝަން (2 އެފްއޭ) ތައާރަފްކޮށްފައެވެ. އަލަށް ގެނެވުނު އަޕްޑޭޓް އާއެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ލެޔާއެއް އިތުރުކުރެވުނެވެ.
މީގެއިތުރުން މާރިޗް މަހު، އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ އަށް ލޮގިން ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެލާރޓް އަންނަގޮތް ހަމަޖައްސައި، ހުރިހާ ސްކޭން-ޓު-ޕޭ ޕޭމަންޓްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އިތުރުކުރިއެވެ. މިދިޔަ އަހަރު، ބޭންކުންވަނީ އޮތަންޓިކޭޓަރ އެޕްތައް މެދުވެރިކޮށް އޯޓީޕީ ލިބޭނެ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނަލް އެއްގޮތުގައި ކުރިން ގާއިމްކޮށްފައިވާ އީމެއިލް ހުއްޓާލާ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މުއާމަލާތްތަކަށް ޕުޝް ނޯޓިފިކޭޝަންވެސް ފޮނުވަން ފައްޓާފައެވެ.