ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެމްޑީޕީއާ އެކު މަސައްކަތް ކުރުމަށް، ފުރަތަމަ ބުރުގައި ތިންވަނަ އަށް އެންމެ ގިނަ ވޯޓު ހޯދި ދަ ޑިމޮކްރެޓްސްއިން ހުށަހެޅި ހުށަހެޅުންތަކަށް އެއްބަސްވުމަށް އަންނަ ބުދަ ދުވަހުގެ ނިޔަލަށް މުހުލަތު ދިނުމަށް އެ ޕާޓީގެ އިންޓެރިމް ކައުންސިލުން ނިންމައިފިއެވެ.
ދެވަނަ ބުރުގައި މަސައްކަތް ކުރުމަށް ޑިމޮކްރެޓްސްއިން ހުށަހެޅި ހުށަހެޅުަންތަކަށް އެއްވެސް ޕާޓީއެކުން އެއްބަސްވެފައި ނެތަތީ، މިރޭ ބޭއްވި އެ ޕާޓިގެ ހަތް ވަނަ އިންޓެރިމް ކައުންސިލް ބައްދަލުވުމުގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު (ޝިއްޕެ) ވަނީ ދެ ޕާޓީއަށް ވެސް ބުދަ ދުވަހުގެ ނިޔަލަށް ސުންގަޑިއެއް ދިނުމަށް ފަހު، އެއްްވެސް ޕާޓީއަކުން އެއްބަސް ނުވެއްޖެ ނަމަ ވަކި ކޮޅަކަށް ނޭރުމަށް ހުށަހަޅުއްވާފައެވެ.
ގާތްގަނަޑަކަށް ދޮޅު ގަޑިއިރު އެ ގާރަށް މެންބަރުން ބަހުސް ކުރުމަށް ފަހު، ގަރާރު ފާސްކޮށްފައި ވަނީ 50 މެންބަރުންގެ ވޯޓުންނެވެ.
އެކުގައި މަސައްކަތް ކުރުމަށް ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ހުށަހެޅީ މިމަހުގެ 28 ގައި ނިޒާމު ބަދަލުކުރުމަށް ވޯޓަކަށް އެހުމަށެވެ. އަދި އިދިކޮޅަށް ހުށަހެޅީ ނިޒާމުގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ އިތުރުން ސަރުކާރުން ހިއްސާއެއް ދިނުމަށެވެ.
ނަމަވެސް ބައްދަލުވުމުގައި ވާހަކަ ދެއްކި ގިނަ މެންބަރުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އަށް އިތުބާރު ނެތް ކަމަށް ބުނެފައެވެ. އެގޮތުން، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީއާއެކު އެކި ފަހަރު މަތީން މަޝްވަރާ ކޮށްފައިވާ ކަން ފާހަގަކޮށް މެންބަރުން ބުނެފައި ވަނީ އެކަން އިތުރަށް ލަސް ކޮށްފިނަމަ ނިޒާމީ ވޯޓެއް ނަގަން އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށް ގަބޫލު ކުރަން ދަތި ކަމަށެވެ.
ނިޒާމީ ވޯޓާ ބެހޭގޮތުން ރައީސް މުހައްމަދު ނަޝީދާއި، ފޯނުން ވާހަކަދެއްކެވިކަން ފާހަގަކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ، އިންތިޚާބަށް ފަހު ނޮވެމްބަރު 17 ގެ ކުރިން ވޯޓު ނެގުމަށް ނަޝީދަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި މި ވަގުތު ނިޒާމީ ވޯޓެއް ނެގުމަކީ ޕްރެކްޓިކަލް ކަމެއް ކަމަށް ގަބޫލު ނުކުރެއްވީތީ، މިހާރު މަޖިލީހުގައި އޮތް އެކަމާ ގުޅޭ ގަރާރުގެ ބަހުސް އަވަސް ކުރުމަށް އެމްޑީޕީން އެއްބަސް ވެފައިވާ ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްއިން 15،000 އަށް ވުރެ ގިނަ ވޯޓު ހޯދާފައި ވާއިރު، ދެވަނަ ބުރު ކާމިޔާބު ކުރުމަށް ދެ ޕާޓީއަށް ވެސް ޑިމޮކްރެޓްސް ގެ ތާއީދު މުހިންމެވެ.