ރައްޔިތުންގެ މަޖިލިސް ކުރިއަށް ނުގެންދެވެނީ، ޖަލްސާތައް ހުއްޓުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙްގެ ވެސް ބައިވެރިވެވަޑައިގަތުމާ އެކުގައި ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، މަޖިލީހުގެ ތިންވަނަ ދައުރުގެ ހަވަނަ ޖަލްސާ ބާއްވަން ހޯމަ ދުވަހު ކުރެއްވި މަސައްކަތްޕުޅު ވެސް ނާކާމިޔާބުވެވަޑައިގެން އެ ދުވަހަށް ޖަލްސާ ނިންމަވާލެއްވުމަށްފަހު، މިއަދު އަލުން އެ ޖަލްސާ ބޭއްވުމަށް މަސައްކަތްކުރެއްވި ނަމަވެސް އަނެއްކާވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ކުރިއަށް ނުގެންދެވުމުންނެވެ.
މިއަދު 9:00 ގައި ޖަލްސާ ފަށަން ރިޔާސަތުން މަސައްކަތްކުރެއްވި ނަމަވެސް، ތަޅުމުގައި ހާޒިރުވެވަޑައިގެން ތިއްބެވީ 17 މެމްބަރެކެވެ. މަޖިލީހުގެ ގަވައިދު ބުނާގޮތުން ނަމަ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދިޔުމަށް 22 މެންބަރުން މަޖިލީހުގެ ތަޅުމަށް ހާޒިރުވާންޖެހެއެވެ. ހޯމަ ދުވަހެކޭ އެއްފަދައިން މިއަދުގެ ޖަލްސާއަށް ވެސް، އިތުރު މެމްބަރުން މަޖިލީހަށް ވަޑައިގެންނެވި ނަމަވެސް ތަޅުމަށް ހާޒިރުވެވަޑައިނުގެން އެ މެމްބަރުން ތިއްބެވީ މަޖިލީހުގެ ގޯތިތެރޭގައި ކަމަށް ރިޔާސަތުން ވިދާޅުވިއެވެ.
މިކަން ތަކުރާރުވަމުން ދިޔުމާ ގުޅިގެން ކޯފާ އިސްކުރައްވައި ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލިސް ހުއްޓުވާފައި ބަހައްޓަމުން ގެންދަވަނީ ރައީސް ޞާލިޙްގެ ބައިވެރިވެވަޑައިގަތުމާ އެކުގައި ކަމަށާއި، ދިވެހި ދައުލަތުގެ ބާރުތައް އަމިއްލަފުޅަށް ކޮންޓްރޯލް ކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ދައުލަތް ހުއްޓުވާލުމަށް ކުރައްވާ މަސައްކަތްޕުޅުތައް ހުއްޓަވާލެއްވުމަށް ރައީސް ޞާލިޙަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ދައުލަތް ހިންގުމުގެ ތިން ބާރުގެ ތެރެއިން އެއް ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްޕުޅުތައް ނުހުއްޓަވާނެކަމުގެ ޔަގީންކަން ރައީސް ޞާލިޙަށާއި ދިވެހި ރައްޔިތުންނަށް ރައީސް ނަޝީދު ވަނީ ދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީސް ހުއްޓިފައި އޮތުމަކީ އެއްވެސް ރައްޔިތަކަށް ފައިދާވާނެކަމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ ރައްޔިތުންގެ ކިބައިން، މި މަޖިލިސް ކުރިއަށް ގެންދިއުމަށް އެހީތެރިކުމަށް އެދިވަޑައިގެންފައެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި މަޖިލިސް ހުއްޓުމަކަށް އައިސްފައިވާއިރު، ފުނިޖެހިފައި އެތައް މަސައްކަތްތަކެއް އެބަހުއްޓެވެ. މި ޖަލްސާއަށް ވެސް މުހިންމު މައްސަލަތަކެއް އެޖެންޑާކޮށްފައިވެއެވެ.
އެގޮތުން، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލުމަށް ހުށަހަޅާފައިވާ ގަރާރާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުކުރުމާމެދު ރައްޔިތުންގެ ވޯޓަށް އެހުމަށް ހުށަހެޅި ގަރާރު ފާހަގަކޮށްލެވެއެވެ.
ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާތައް ކުރިއަށް ނުގެންދެވިފައިވާއިރު، މަޖިލީހުގެ ތަޅުމަށް ހާޒިރުވެވަޑައިނުގަންނަވާ ގިނަ މެމްބަރުންނަކީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރުންނެވެ. މަޖިލީހުގައި އެ ޕާޓީގެ 56 މެމްބަރުން ތިއްބަވާއިރު، އޭގެތެރެއިން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވަނީ އެ ޕާޓީގެ މެމްބަރުން ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާ ސަބަބު ހާމަކުރައްވާފައެވެ.
މެމްބަރު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މެމްބަރުން މަޖިލިސް ތަޅުމަށް ނުވަދެ ތިއްބެވީ، މަޖިލިސް އިދިކޮޅު ކެމްޕެއިން ޖަގަހައަކަށް ބަދަލުކޮށްފައިވާތީ ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅާފައިވާ މުހިންމު މައްސަލަތައް ބަހަށްޓާފައި، އިދިކޮޅުން ގަރާރު ހުށައަޅައިގެން ކެމްޕެއިން ބަހުސް ކުރަމުންދާކަމަށް މެމްބަރު ޝަރީފް ވިދާޅުވިއެވެ. އެމްޑީޕީގެ މެމްބަރުންނަށް މަސައްކަތްކުރުމުގެ ފުރުސަތު ނުދޭކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭތާ މިހާރު ދެތިންމަސް ދުވަސް ވެއްޖެއެވެ.
މިއަދުގެ ޖަލްސާ ދެވަނަ ފަހަރަށް ފަށަން ރިޔާސަތުން މަސައްކަތްކުރެއްވިއިރު، 22 މެމްބަރުން ހާޒިރުވެވަޑައިގަތުމުން 10:00 ގައި ޖަލްސާ ވަނީ ފަށާފައެވެ.