ވީނުވީތަނެއް ނޭނގިގެން ރިޕޯޓްކުރުމުން ދިވެހި ފުލުހުންގެ ޚިދުމަތުން އަނެއްކާވެސް ދިވެއްސަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މީގެ ދެ ދުވަސް ކުރިންވެސް ދިވެހި ޒުވާން ފިރިހެނަކު ގެއްލިގެން ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކޮށްފައިވެއެވެ.
ދިވެހި ފުލުހުންގެ ޙިދުމަތުން ބުނީ، ގެއްލިގެން ހޯދަމުން ދަނީ ހދ. މަކުނުދޫ ސިތާރާމަންޒިލް ނާތިފް އަބްދުއްސަލާމް (28އ) ކަަމަށެވެ. އަދި އޭނާ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާކަމަށް އިއްޔެ ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަނީ ކަަމަށް ބުންޏެވެ.
ފުލުހުން ބުނީ، އޭނާ މިހާރު ދިރިއުޅެމުން ދަނީ މާލޭގައި ކަމަށާއި، އޭނާ އެންމެ ފަހުން ފެނިފައި ވަނީ ސެޕްޓެމްބަރު 15 ދުވަހު ކަަމަށް އާއިލާއިން މައުލުމާތު ދީފައިވާ ކަމަށެވެ.
އަދި އޭނާ އޭރު ލައިގެން ހުރީ ރުށްތަކެއް ޖަހާފައި ހުރި ގަމީހަކާއި ސޯޓެއް ކަމަށް ވެއެވެ.
އެހެންކަމުން އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަން ނަމްބަރު 9393351 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދިފައިވެއެވެ.
މީގެ ދެ ދުވަސްކުރިން ފުލުހުން ހޯދި މީހާ މިހާރުވަނީ ފެނިފައެވެ.
އޭނާއަކީ އއ. މާޅޮސް / ހުސްނޫވިލާ، އުމުރުން 21 އަހަރުގެ ޢަލީ ރިޝާންއެވެ.
މިފަހުން މީހުން ވީނުވީތަނެއް ނޭނގިގެން ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރާ މިންވަރު ގިނަކަންވަނީ ފާހަގަކުރެވިފައެވެ.