މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އައު މައިނޯރިޓީ އަކީ ދަ ޑިމޮކްރެޓްސްކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

މިކަން އިއުލާނުކޮށްފައިވަނީ މި އަހަރުގެ ތިންވަނަ ދައުރުގެ ހަވަނަ ޖަލްސާގައި، ރިޔާސަތުން އަންގަވާއެންގެވުން އިއުލާނުކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ.

މިއަދާ ހަމައަށް ރަސްމީކޮށް މަޖިލީހުގެ މައިނޯރިޓީ ނުވަތަ ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެއްގެ ގޮތުގައި އޮތީ ރާއްޖޭގެ ދެވަނައަށް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ. އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ފަސް މެމްބަރަކު ތިއްބަވައެވެ.

މަޖިލީހުގެ މައިނޯރިޓީ ދަ ޑިމޮކްރެޓްސް އަށް ލިބިފައި މިވަނީ، މަޖިލީހުގެ މެޖޯރިޓީގެ ގޮތުގައި އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރުންގެ ގޮތުގައި ތިއްބެވި 10 މެމްބަރަކު އެ ޕާޓީން ވަކިވެވަޑައިގެން، ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެމްބަރުންގެ ގޮތުގައި ތިއްބެވުމަށްފަހު، ރަސްމީކޮށް ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ ގޮތުގައި ކަނޑައެޅިގެން ދިއުމާއެކުއެވެ.

ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ، ހެންވެއިރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ، މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)، ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް، ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު، ހުޅުދޫ ދާއިރާގެ މެމްބަރު އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު އިލްޔާސް ލަބީބު އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދެވެ.

އެ 10 މެމްބަރުން ވަކިވެވަޑައިގަތުމާއެކު ވެސް އަދިވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ.

މަޖިލީހުގެ މެމްބަރުން މިހާރު ބެހިފައިވާގޮތަށް ބަލާއިރު، އެމްޑީޕީގައި ތިއްބެވީ 56 މެމްބަރުންނެވެ. ދަ ޑިމޮކްރެޓްސްގައި 10 މެމްބަރުން ތިއްބަވާއިރު ޕީޕީއެމްގައި ފަސް މެމްބަރުން ތިއްބަވައެވެ. ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ތިން މެމްބަރަކު ތިއްބަވާއިރު، އެމްއެންޕީ އަދި ޕީއެންސީގައި ވެސް ތިން މެމްބަރުން ތިއްބަވައެވެ. ޖުމްހޫރީ ޕާޓީއާއި އެމްޑީއޭގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ ދެ މެމްބަރެކެވެ.

މަޖިލީހުގެ މައިނޯރިޓީ ނުވަތަ ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި ދަ ޑިމޮކްރެޓްސް ރަސްމީކޮށް އިއުލާނުކުރެވިގެންދިޔައިރު، މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ، ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރެއްގެ ގޮތުގައި އަލީ އާޒިމް އިންތިޚާބުކުރީ، މި މަހުގެ 14 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ އިންތިޚާބުގައި ނެގި ފެންނަނުފެންނަ ވޯޓަކުން ކާމިޔާބީ ހޯއްދަވައިގެންނެވެ.