ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުން ބޭރުގެ އިތުރު މަސް ބޯޓެއް އަތުލައިގެންފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ބުނީ، ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ އިތުރު މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ސްރީލަންކާގެ އެ މަސްބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ހަތަރު މަސްބޯޓެއް އިއްޔެ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މިބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ، އދ. މަހިބަދޫ "އަސުރުމާ" މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މަޢުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައެވެ.

އެއީވެސް އަވަށްޓެރި ސްރީލަންކާގެ ހަތަރު ބޯޓުކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މިފަހަކަށް އައިސް ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުން ބޭރުގެ ބޯޓުތަކުން މަސްވެރިކަންކުރާ މައްސަލަތައް ފެންމަތިވަމުންދާ މިންވަރުވަނީ އިތުރުވެފައެވެ.

ހާއްސަކޮށް މީގެތެރޭގައި ލަންކާގެ ބޯޓުތައް ގިނަކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ބޯޓުތައް ދޭތެރެ ދޭތެރެއިން ފެންނައިރު މިފަދަ ބޯޓުތައް އަތުލައިގަތުމުގައި ރާއްޖޭގެ މަސްވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެއެވެ.