އާންމު ދަތުރުފަތުރަށް، ޓެކްސީގެ ގޮތުގައި ބޭނުންކުރާ ކާރުތައް ރަޖިސްޓަރީ ކުރުމަށް، އުޅަނދު ބާއްވާ ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު އެ ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ދެން ހުށަހަޅަން ނުޖެހޭގޮތަށް، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް އިސްހާލު ގެނެސްފިއެވެ.
އެ ގަވާއިދުގައިވާގޮތުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދުތަކާއި، ޓެކްސީތައް ފިޔަވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން، ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކޮށްދެވޭނީ، އެ އުޅަނދެއް ރަޖިސްޓަރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު، އެ ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު އެ ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއެކު، އެ ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، އެ އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް ހުށަހެޅުމުންނެވެ.
އެހެންނަމަވެސް، މި ގަވައިދަށް ގެނެވުނު އިސްލާހުގައި، މި ގަވައިދުގައިވާ އުޅަނދުތަކުގެ މާނައިގައި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދުއްވުމަށް ހާއްސަކޮށްފައިވާ އުޅަނދުތަކާއި، އާންމު ދަތުރުފަތުރުގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ރަޖިސްޓްރީކުރާ އުޅަނދު ނުހިމެނެއެވެ.
އާންމު ދަތުރުފަތުރުގައި ޓެކްސީގެ ހިދުމަތް ދިނުމަށް އުޅަނދު ރަޖިސްޓަރީ ކުރުމަށް ގަރާޖް ސިޓީ ހުށަހަޅަން ނުޖެހުނު ނަމަވެސް، ފީއެއްގެ ގޮތުގައި 10,000ރ. މިނިސްޓްރީއަށް ދައްކަންޖެހޭނެއެވެ.
އެހެން އުޅަނދުތައް ވަގުތީގޮތުން ރަޖިސްޓަރީ ކޮށްދެވޭނީ، ލިޔުންތަކާއެކު ފީގެ ގޮތުގައި 15,000ރ. މިނިސްޓްރީއަށް ދެއްކުމުން ކަމަށްވެސް އެ ގަވާއިދުގައި ބުނެފައި ވެއެވެ.
މި ގަވައިދަށް އަމަލުކުރަން ފަށާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.