ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނާންވީ ގޮތަކާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް އެއްކޮށް ނިމި، އިލެކްޝަންސް ކޮމިޝަނަށް މަޖިލީހުގެ ނިންމުން ހިއްސާކުރުމާ ހަމައަށް މިއަދު މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަަން ނިންމައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ، ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އިލްޔާސް އަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރި ރިޔާސީ ކެންޑިޑޭޓެވެ. އިންތިޚާބުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓަކީ ވެސް އިލްޔާސް އެވެ. ވޯޓުލެވޭ އާބާދީގެ 15,839 މީހުންގެ ވޯޓު އިލްޔާސްއަށް ލިބިވަޑައިގަތެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާކުރީ އެ ގަރާރުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ކުރިއަށް ގެންދިޔުމެވެ. ނަމަވެސް ކޯރަމް ހަމަނުވެ ގަޑިއިރެއް ވަންދެން ޖަލްސާ ނުފެށި ވަނިކޮށް، ހެނދުނު 10:00 ޖަހާކަށް ހާއިރު ކޯރަމް ހަމަކޮށް އިލްޔާސް ވަނީ ތަޅުމަށް ގަރާރު އިއްވާފައެވެ.
އޭގެފަހުން ހެނދުނުގެ ނާސްތާއަށް ޖަލްސާ މެދުކަނޑާލުމުގެ ވަގުތު ޖެހުމުން، އެ ކަން އިއުލާން ކުރައްވަމުން ނަޝީދު ވިދާޅުވީ އިބްތިދާއީ ބަހުސްގެ އިތުރުން ގަރާރުގެ ދިރާސާ ކުރުމާއި، ފަހު ބަހުސް އަދި ގަރާރަށް ވޯޓަށް އެހުން ވެސް މިއަދު އޮންނާނެ ކަމަށެވެ.
މި ގަރާރަށް ބަހުސްކުރުން މިހާރު ކުރިއަށްދާއިރު، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެއްވުމަކީ ފެށުނީއްސުރެ ރައީސް ނަޝީދު ގެންގުޅުއްވާ ތަސައްވުރެކެވެ. މީގެކުރިން 2007 ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް ނަޝީދާއި އޭރު އެމަނިކުފާނު ލީޑުކުރައްވަމުން ގެންދެވި އެމްޑީޕީން ވެސް ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ.
އަދި އެ ޕާޓީއަކަށްޓަކައި ރައީސް ނަޝީދު ގުރުބާންވެވަޑައިގަތް އެމްޑީޕީން އެމަނިކުފާނު ބާކީވެ، ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތީ ވެސް، ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތަކާމެދު އެމަނިކުފާނާއި، އެ ޕާޓީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިންނެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާއި ރައީސް ޞާލިޙަށް ދަ ޑިމޮކްރެޓްސް އިން ތާއީދުކުރާނީ ވެސް، ނިޒާމީ ވޯޓެއް ނަގަން އެއްބަސްވާނަމަ ކަމަށްވާއިރު، ދެވަނަ ބުރަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ނިޒާމީ ވޯޓު ނެގުމަކީ ޕްރެކްޓިކަލް ކަމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ޞާލިޙް ވަނީ، އިންތިޚާބަށްފަހު ނޮވެމްބަރު 17 ގެ ކުރިން ނިޒާމީ ވޯޓަކަށް ދިޔުމަށް ނަޝީދަށް ހުށަހަޅުއްވާފައިވާކަން ހާމަކުރައްވާފައެވެ.
ދަ ޑިމޮކްރެޓްސްއިން މިއަދު ހުށަހެޅި ގަރާރުގައި ވަނީ އޮކްޓޯބަރު 30 ގެ ކުރިން ނިޒާމީ ވޯޓު ލުމަށެވެ.