ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރެއްވުމަށް އަނެއްކާވެސް ސިޓީއަކުން ދަންނަވާފައިވާނެކަމަށާއި އަދިވެސް އުއްމީދު ކުރައްވަނީ އެމަނިކުފާނާ ބައްދަލުކުރެއްވޭނެގޮތެއް ވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ހަވަނަ ޖަލްސާގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނާންވީ ގޮތަކާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މެމްބަރު ޝިޔާމްގެ ވާހަކަފުޅުގައި، އެމްޑީޕީން ވެރިކަމަށް އައި އަދުލުގެ ނިޒާމު މިނިވަންކުރާނެކަމުގެ ވައުދު އެންމެ ކުރިއަށް ނެރެ، އަޑުހަރުކޮށް އެވާހަކަ ދައްކަމުންކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި ސަރުކާރަށް، އަދުލުގެ ނިޒާމު މިނިވަންކުރެވުނުކަމަށް ގަބޫލުކުރެވުނީ، ފަސް އަހަރު ދުވަސް ވަންދެން ރައީސް ޔާމީން ޖަލަށްލައިގެން ގެންގުޅެވުނީމައި އެކަނިކަމަށް މެމްބަރު ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ ޖަލުގައި އޮންނަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ނޫންކަން، މި ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުންނާއި، ޚުދު ރައީސުލްޖުމްހޫރިއްޔާ ވެސް ގަބޫލުފުޅުކުރައްވާނެކަމަށް މެމްބަރު ޝިޔާމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިޙަށް އެންމެ 38 އިންސައްތަ ވޯޓު ލިބިވަޑައިގަތުމުގެ ފަހަތުގައި ވަނީ، ރައީސް ޔާމީނަށް ނުހައްގުން، "ސިޔާސީ ބޭނުމެއްގައި" ކޮށްފައިވާ ހުކުމް ކަމުގައި ވެސް މެމްބަރު ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކަފުޅު ނިންމަވާލެއްވުމުން ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައި ވިދާޅުވީ، ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް ހޯމަ ދުވަހު ސިޓީއަކުން ދަންނަވާފައިވާނެ ކަމަށާއި، އުއްމީދު ކުރައްވަނީ އަދިވެސް އެކަން ހަމަޖެހިގެން ދިއުންކަމަށެވެ. ރައީސް ޔާމީނާ ބައްދަލުކުރެއްވުމުން، އެމަނިކުފާނަށް އެނބުރި ގެއަށް ވަޑައިގެންނެވުމަށް އިތުރަށް ކުރެވެންހުރި މަސައްކަތްތައް ކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އާއެކުވެސް، އެކުގައި މަސައްކަތް ކުރުމަށް ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްއިން މަޝްވަރާ ކޮށްފައިވާއިރު، އެ ބޭފުޅުންގެ ހުށަހެޅުމަކީ ރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމެވެ.

ރައީސް ނަޝީދު ވިދާޅުވީ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ސީދާ ރައީސް ޔާމީނާ ބައްދަލުކުރެއްވުމަކީ މުހިންމު ކަމެއްކަމަށެވެ. އެގޮތުން ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް އެދި މި މަހުގެ 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ކަރެކްޝަންސް ގައި ރަސްމީކޮށް ވެސް އެދިފައެވެ.

އެހެންނަމަވެސް، ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް "ވީނިއުސް" އަށް މި މަހުގެ 17 ވަނަ ދުވަހު ވިދާޅުވީ، ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށް ރައީސް ޔާމީން އިއުތިރާޒްވެވަޑައިގެންފައި ވާތީ، އެކަން މަޖިލީހުގެ އިދާރާއަށް މިހާރު ލިޔުމުން އަންގާފައިވާ ކަމަށެވެ.

ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ރައީސް ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވާ ކަމެކެވެ. އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ގިނަ މެންބަރުންވެސް އެކަމަށް ވަކާލަތު ކުރެއެވެ. ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އާ ދެމެދު ޚިޔާލު ތަފާތުވުން އުފެދުނު އެއް ސަބަބަކީ ވެސް ނިޒާމުގެ ބަހުސެވެ.

އެންމެ ފުރަތަމަ ރާއްޖޭގައި ނިޒާމީ ވޯޓެއް ނެގީ 2007 ވަނަ އަހަރުއެވެ. ރައީސް ޔާމީން އޭރު ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަށެވެ. ނަމަވެސް، ބަރުލަމާނީ ނިޒާމުގެ ނަޒަރިއްޔާތަަށް ތާއީދު ކުރެއްވި ނަމަވެސް ރާއްޖޭގެ ހާލަތަށް ވިސްނަވާއިރު އެމަނިކުފާނަށް ބުރަވެވެން އޮތީ ރިޔާސީ ނިޒާމަށް ކަމަށް ރައީސް ޔާމިން ފަހުން ވިދާޅުވެފައިވެއެވެ.