ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަންނަން ފާސްކޮށްފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރެއްވި އިލްޔާސް ލަބީބެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގަތް 35 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ދަ ޑިމޮކްރެޓްސްއިން އެދޭގޮތަށް އެ ގަރާރުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެމަނިކުފާނު އެންމެފުރަތަމަ ނިންމެވީ އެ ގަރާރުގެ ހުރިހާ މަސައްކަތްތަކެއް މިއަދުން މިއަދަށް ނިންމުމަށެވެ. މަޖިލީހަށް ގަރާރު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ގެންގޮސް ދިރާސާކޮށްގެން އަލުން ތަޅުމަށް ގެނެސް ފާސްކުރަން މަސައްކަތް ކުރައްވާނެކަމަށް އެ ގަރާރުގެ ބަހުސް ފެށްޓެވިއިރު އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް، ގަރާރާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޕާޓީތަކުން ބޭނުންވާކަމަށް ގަބޫލުފުޅުކުރެއްވޭތީ ރައީސް ނަޝީދު ވަނީ، މުޅި މަޖިލީހުގެ ކޮމިޓީ މިއަދު ނުބާއްވަން ނިންމަވާފައެވެ.
މި ގަރާރު މުޅި މަޖިލީޖުގެ ކޮމިޓީއަށް ގެންދަވަން ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު، މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. މި ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ތަމްސީލުކުރައްވާ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒްއެވެ.
މިއާއެކު މި ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް ގެންދިއުމާ ގުޅޭގޮތުން ނެގި ވޯޓުގައި، ވޯޓުގައި ބައިވެރިވެވަޑައިގަތް 34 މެމްބަރުން ވަނީ އެކަން އެގޮތަށް ކުރަން ފެންނަކަމަށް ވޯޓުދެއްވާފައެވެ.
މި ގަރާރު ދިރާސާކޮށް ބަހުސްކުރުމަށް ބާއްވާ މުޅި މަޖިލީހުގެ ކޮމިޓީ ބާއްވާނީ ބުދަ ދުވަހުއެވެ.
އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރުގެ ބަހުސަށް ހުޅުވައިލުމުގެ ކުރިން ނަޝީދު ވިދާޅުވީ، ފެންނަނުފެންނަ ވޯޓު ނެގުމުގެ ބާރު މަޖިލީހަށް ލިބިދީފައި ވަނީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާއިން ކަމަށެވެ. ކަމަކާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުން ފާސްކުރުމުން އެ ވޯޓު އިލެކްޝަންސް ކޮމިޝަނުން ނަގަންޖެހޭނެކަމަށާއި އެއީ އެއްވެސް ހާލެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް އޮތްކަމެއް ނޫންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެކުރިން 2007 ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.