މި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން، ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނަށް %35 އެލަވަންސް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި ތިބި ހުރިހާ މުވައްޒަފުންނަށް, މިއަހަރު މޭ މަހުން ފެށިގެން އެ އެލަވަންސް ދިނުމަށް ނިންމިއިރު, އޭގެ ތެރޭގައި ކައުންސިލުތަކުގެ މުވައްޒަފުން ނުހިމެނޭތީ އެ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.

ކައުންސިލްތަކުގެ މުވައްޒަފުންނަށް އެލަވަންސް ދޭން ނިންމީ މި ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށްފަހުގައިކަމަށް މިއުވާން ވިދާޅުވިއެވެ. މި އެލަވަންސް ނުލިބުމީ ލާމަރުކަޒީގޮތިން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް މުވައްޒަފުން ކުރާ މަސައްކަތަށް އެޅޭ ހުރަހެއްކަަމަށް ރައީސް ގަބޫލުކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި ކައުންސިލްތަކަކީ ދައުލަތުގެ ވުޒާރާތަކުގެ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތްތަކަށްވެފައި، ދައުލަތުގެ ވުޒާރާތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް %35 އެލަވަންސް ދިނުމުން، އެ މުވައްޒަފުންނާއި ކައުންސިލްތަކުގެ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިގެ ފަރަގު ބޮޑުވެފައިވުމުން، މި ފަރަގު ނައްތާލުމުގެ ގޮތުން، ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށްވެސް އަންނަ މަހުން ފެށިގެން މި %35 އެލަވަންސް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

ކައުންސިލްތަކުގެ މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ރައީސް ނިންމެވިއިރު، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ސަރުކާރުން ގެނެސްދީފައިވެއެވެ. އެގޮތުން ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައަށް ގެނެސްދެއްވި ބަދަލު ފާހަގަކޮށްލެވެއެވެ.