ރާއްޖޭގެ ވެރިކަމުގައި ނިޒާމީ މައްސަލައެއްގެ ކަންބޮޑުވުން ނޫޅޭ ކަމަށާއި، މައްސަލަ ޖެހެނީ ވެރިންނަށް ތިބޭ މީހުންގެ އިހުލާސްތެރި ކަމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަދައްކަވަމުން މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ ކޮންމެ ބަޔަކުވެސް ވެރިކަމަށް ފައި ނަގާއިރު އަބަދުވެސް ދައްކަނީ ރައްޔިތުންނަށް އިޚްލާސްތެރި ވެރިކަމެއް ކޮށްދޭނެކަމުގެ ވާހަކަތައްކަމަށެވެ.
މެމްބަރު ވިދާޅުވީ މިހާރު ކަންކަން ހިނގާގޮތުން މީހުންގެ ސިކުނޑި ބަދަލުވަމުންދާ ދިއުމާއި ދުނިޔޭގެ ޓެކްނޮލޮޖީއަށް ބަދަލު އަންނަ ވަރަކުން ކޮންމެ 15 އަހަރަކުން އެއްފަހަރު ނިޒާމީ ވޯޓެއް ނަގަން ގާނޫނު އަސާސީގައި ހިމަނަންޖެހޭކަމަށް ހީވާ ފަހަރުވެސް އެބަ އަންނަކަމަށެވެ.
ވެރިކަމަށް އަންނަން އުޅޭއިރު ރައްޔިތުންނަށް ބައިވަރު ވައުދުވީނަމަވެސް ވެރިކަމަށް އައުމަށްފަހު ބޭނުންވާ ގޮތަކަށް ކަމެއް ނުވެއްޖެނަމަ މީގެ ކުރިން އެއްބަޔަކުގެ ވެރިކަމެއްގައި ސުޕްރީމް ކޯޓުގައި ތަޅު އެޅުވީކަމަށާއި އަނެއްބަޔަކު ސްޕްރީމްކޯޓުގެ ފުރާޅުން ޓިނު ނަގައި ސިފައިން ބައިތިއްބާ ހެދީކަމަށް މެމްބަރު ވިދާޅުވިއެވެ. މޮސްޓާ ވިދާޅުވީ ނަމަވެސް ވެރިން ދައްކާ ވާހަކައާއި އަމަލާއި ދިމާނުވާ ކަމުގެ ހެއްކަކަށް އެކަން ފުދޭ ކަމަށެވެ.
އަދި ބަރުލަމާނީ ނިޒާމެއް ގެންނަން އުޅެނީ ކޮންމެހެން ރައްޔިތުންނަށް ހެޔޮއެދިގެން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ވަނީ ބަލައިގަންނަން ފާސްކޮށްފައެވެ. މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ، ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
ނިޒާމު ބަދަލުކުރުމުގެ މަޝްވަރާއަށް ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރެއްވުމަށް އަނެއްކާވެސް ސިޓީއަކުން ދަންނަވާފައިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސްވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ރައީސް ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވާ ކަމެކެވެ.
އެންމެ ފުރަތަމަ ރާއްޖޭގައި ނިޒާމީ ވޯޓެއް ނެގީ 2007 ވަނަ އަހަރުއެވެ. އޭރު ރާއްޖޭގެ ސިޔާސީ ހާލަތަށް ވިސްނައި ރާއްޖޭގައި އޮތުމަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމެއްކަމަށް ރައްޔިތުންގެ ވޯޓުންވަނީ ކަނޑައަޅާފައެވެ.