• ތަހްގީގަށް އެއްބާރުލުން ދިނުމަށް ކެނެޑާގެ ބޮޑުވަޒީރުވަނީ އިންޑިއާއަށް ގޮވާލައްވާފައި

ކެނެޑާއާއި އިންޑިއާގެ ސިޔާސީ އަރާރުންތައް ހޫނުވެ، ދެގައުމުން ޑިޕްލޮމޭޓުންތަކެއް ބޭރުކޮށްލައިފިއެވެ.

މައްސަލަ ހޫނުވީ، މިއަހަރުގެ ޖޫންމަހު ކެނެޑާގެ ވެންކޫވަރ ކައިރިން ސީކް (ސިކުން) ގެ އިސް ލީޑަރެއްގެ ގަޔަށް ބަޑިޖަހައި މަރާލުމުގައި އިންޑިއާ ސަރުކާރުގެ އޭޖެންޓުންތަކެއް ބައިވެރިވާކަމުގެ "ކާފީ ތުހުމަތު" ސަރުކާރަށް ލިބިފައިވާ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.

އަމިއްލައަށް އަރުވާލެވިގެން ކެނެޑާއަށްގޮސް، ކެނެޑާގެ ރަށްވެއްސަކަށްވެ އެގައުމުގައި ދިރިއުޅެމުންދިޔަ ހަރްދީޕް ސިންގް ނިއްޖާރަކީ އިންޑިއާގެ ކިބައިން ވަކިވެގަތުމަށް މަސައްކަތްކުރާ ސީކް ހަރަކާތުގެ އިސް މެމްބަރެކެވެ.

ތަހްގީގަށް ލިބުނު ކުރިއެރުންތަކާ ގުޅިގެން އިއްޔެ ބޭއްވި ޕާލަމެންޓުގެ އިމަޖެންސީ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯ ވިދާޅުވީ، ކެނެޑާގެ ފަސްގަނޑުގައި ކެނެޑާގެ ރައްޔިތަކު މަރާލުމުގައި ބޭރު ގައުމެއްގެ އެއްވެސް ބައިވެރިވުމެއް އޮތުމަކީ ކެނެޑާގެ އިސްތިގްލާލަށް އަރައިގަތުން ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޓްރޫޑޯވަނީ މި ޖަރީމާ ތަހްގީގު ކުރުމުގައި އެންމެ މަތީ މިންވަރަށް އެއްބާރުލުން ދިނުމަށް އިންޑިއާ ސަރުކާރަށް ގޮވާލައްވާފައެވެ.

ހަރްދީޕް ސިންގް ނިއްޖާރުގެ މަރާ ގުޅިގެން ކެނެޑާ ސަރުކާރުންވަނީ، އެގައުމުގައި ހުންނަވާ އިންޑިއާ ސަރުކާރުގެ އިސް ޑިޕްލޮމޭޓެއް ކެނެޑާއިން ބޭރުކޮށްލާފައެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު މެލާނީ ޖޮލީ ވިދާޅުވީ، މިމައްސަލައާ ގުޅިގެން ކެނެޑާއިން ބޭރުކޮށްލާފައިވަނީ، ކެނެޑާގައި ހުންނަ އިންޑިއާ ފޮރިން އިންޓެލިޖެންސް އޭޖެންސީގެ ރިސާޗް އެންޑް އެނަލިސިސް ވިންގުގެ ވެރިޔާ ކަމަށެވެ. އޭނާގެ ނަމެއް ހާމައެއް ނުކުރެއެވެ.

އެކަމަކު، ކެނެޑާ ބޮޑުވަޒީރުގެ ތުހުމަތު އިންޑިއާ ސަރުކާރުން މިއަދުވަނީ ދޮގުކޮށްފައެވެ. ބުނެފައިވަނީ، ހަރްދީޕް ސިންގް ނިއްޖާރުގެ މަރާ، އިންޑިއާއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ކެނެޑާގެ ތުހުމަތަކީ ތާކުންތާކު ނުޖެހޭ ތުހުމަތެއް ކަމަށެވެ.

އަދި އިންޑިއާގެ އިސް ޑިޕްލޮމޭޓެއް ކެނެޑާއިން ބޭރުކޮށްލުމުން ރައްދުގައި އިންޑިއާއިންވެސްވަނީ، ކެނެޑާގެ އިސް ޑިޕްލޮމޭޓެއް 5 ދުވަހުގެ ތެރޭގައި އިންޑިއާއިން ބޭރުވުމަށް އަންގާފައެވެ.

މިމަހު އިންޑިއާގައި ބޭއްވި ޖީ20 ގައުމުތަކުގެ އެންމެ އިސް ވެރިންގެ ސަމިޓަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އިންޑިއާއަށް ވަޑައިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައިވެސް މި ވާހަކަތައް ދެއްކެވި ކަމަށާއި، މޯދީ އެކަމަށް އިންކާރު ކުރެއްވި ކަމަށް އިންޑިއާގެ ޚާރިޖިއްޔާއިން ބުނެފައި ވެއެވެ.

އިންޑިއާގެ ޚާރިޖިއްޔާއިން ވަނީ، ތުހުމަތުތައް ނުކޮށް، ކެނެޑާގެ ފަސްގަނޑުގައި އިންޑިއާއާ ދެކޮޅަށް ރާވާ ރޭވުންތައް ހުއްޓުވުމަށް ކެނެޑާ ސަރުކާރަށް ގޮވާލާފައެވެ.

ހަރްދީޕް ސިންގް ނިއްޖާރު:

ހަރްދީޕް ސިންގް ނިއްޖާރަކީ، އިންޑިއާ ސަރުކާރުން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓުކޮށްފައިވާ މީހެކެވެ. އިންޑިއާގައި ދީފައިވާ ބައެއް ޓެރަރިސްޓު ހަމަލާތަކުގެ ޒިންމާ އިންޑިއާ ސަރުކާރުން އަޅުވާފައިވަނި އޭނާގެ ބޮލުގައެވެ.

ކެނެޑާގެ ވެންކޫވަރގެ ސަރީ ނަމަކަށްކިޔާ އަވަށުގައި ހަރްދީޕް ސިންގްގެ ގަޔަށް ބަޑިޖަހައި މަރާލާފައިވަނީ ޖޫންމަހުގެ 18 ވަނަ ދުވަހުއެވެ.

ސަރީއަކީ ކެނެޑާގައި ސީކް ދަރިކޮޅުގެ މީހުންގެ ބޮޑު އާބާދީއެއް އޮންނަ އަވަށެކެވެ. އިންޑިއާއިން ބޭރުގައި ސީކް އެންމެބޮޑު އާބާދީއެއް އޮންނަނީވެސް ކެނެޑާގައެވެ.

ހަރްދީޕް ސިންގް ނިއްޖާރަކީ އިންޑިއާގެ އުތުރުގައި "ޚާލިސްތާން" ގެ ނަމުގައި ސީކް މިނިވަން ދައުލަތެއް ގާއިމްކުރުމަށް ވަކާލާތު ކުރަމުންދިޔަ މީހެކެވެ.