ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ދިޔަނުދީ ހިފަހައްޓާފައި އޮތީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިގެން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށާ ވަގުތު ހަމަވިއިރު، ކޯރަމް ހަމަވާ މިންވަރަށް މެންބަރުން ތަޅުމުގައި ނެތުމުން، އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި ރައީސް ނަޝީދު ވަނީ އެކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ރައީސް ޞާލިޙް ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ ކެމްޕޭނަށް ހެންވޭރުގެ ގޭގެއަށް ދޮރުން ދޮރަށް ފަށްޓެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޖިލިސް ހުއްޓިފައި އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެފަދަ އެއްވެސް ކަމެއްގައި އެމަނިކުފާނުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް ބައެއް ފަހަރު މެންބަރުންނަށް ޖަލްސާތަކަށް ހާޒިރު ނުވެވި ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަކީ ވެސް މަޖިލީހުގައި 25 އަހަރު ހޭދަ ކުރެއްވި ބޭފުޅެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މަޖިލީހުގެ ކަންކަން ހިނގާ ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ.

އަޅުގަނޑު 25 އަހަރު އުޅެފައި ހުރި މީހެއް މިއީ މަޖިލީހުގައި. މަޖިލީހުގައި ކަންތައްތައް ހިނގާ ގޮތް އެނގޭ. މަޖިލީހުގެ ކަންކަން ވާ ގޮތް އެނގޭ. އަޅުގަނޑު އޭގެ ތެރެއަށް ހަމަގައިމު ވެސް ނުވަންނަން.
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް

މީގެއިތުރުން، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ސޮއި ކުރައްވާ، ރައީސް ޞާލިޙްއަށް މިއަދު ފޮނުއްވި ސިޓީގައި ނަޝީދު ވަނީ ދިވެހި ދައުލަތް ހުއްޓުވާލެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެ ސިޓީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ ސިޓީ އަދި މިހާތަނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

މަޖިލީހުގައި ސަރުކާރު މެންބަރުންގެ މެޖޯރިޓީއެއް އޮންނަ އިރު، އެމްޑީޕީގެ މަޖިލިސް މެންބަރުން މަޖިލީހަށް ހާޒިރުވެ ހާރިޒީގައި ސޮއިކުރައްވައި ޖަލްސާ ކުރާ މާލަމަށް ވަދެވަޑައިނުގަންނަވާ ކަން ސިޓީގައި ފާހަގަކުަރައްވާފައި ވެއެވެ. އަދި ދިވެހި ދައުލަތުގެ ބާރުތައް އެމަނިކުފާނުގެ އަތްޕުޅު މައްޗަށް ނަންގަވައިގެން ކަމަށް ވެސް ނަޝީދު ތުހުމަތު ކުރައްވާފައި ވެއެވެ.