ވަރުގަދަ ލީޑާޝިޕަކާއެކު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސަފުތައް އަލުން ރުކުރުވާލާނެކަމަށް އެ ޕާޓީގެ އައު ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ ދާޚިލީ ވަޒީރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

އަޒްލީން މިފަދައިން ވިދާޅުވީ، ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އަޒްލީން ވިދާޅުވީ، ޖޭޕީގެ ލީޑަރު، އޮނަރަބަލް ގާސިމް އިބްރާހީމް އަބަދުވެސް ނަންގަވާނީ ރައްޔިތުންގެ ފަޅި ކަމަށާއި، އެމަނިކުފާނުގެ ހިއްސާ އޮންނަ ސަރުކާރުތަކުން ރައްޔިތުންގެ ހައްގުތައް ފުއްދައިދޭނެކަމުގެ އުއްމީދެއް އެމަނިކުފާނު ކުރައްވާ ކަމަށެވެ. އަޒްލީން ވިދާޅުވީ، އެމަނިކުފާނުގެ މި އުއްމީދާ އެއްގޮތަށް ކަންކަން ނުހިނގުމުން މިފަހަރު ނިންމެވީ އެއްވެސް ސިޔާސީ ފަޅިއަކަށް އަރާވަޑައިނުގަނެ ހުންނެވުމަށްކަމަށެވެ.

ޤާސިމްގެ މި ނިންމެވުމަކީ ހިކުމަތްތެރި ނިންމެވުމެއްކަަމަށާއި މިއީ ރައްޔިތުންގެ ހައްގުގައި ނިންމެވި ނިންމެވުމެއްކަން އަޒްލީން ފާހަގަކުރެއްވިއެވެ. އަޒުލީން ވިދާޅުވީ، މިފަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ އާބާދީގެ ނިސްބަތަށް ވިސްނުމުން ވެސް ރައްޔިތުންގެ އިތުބާރު، ވެރިންގެ މައްޗަށް ނެތްކަން ހާމަވާކަމަށެވެ. މިހުރިހާކަމަކަށް ބަލާއިރު ޖުމްހޫރީ ޕާޓީގެ މި ނިންމުމަކީ ވަރަށް ވިސްނުމަށްފަހު ނިންމެވި ނިންމެވުމެއްކަމަށާއި ޖުމްހޫރީ ޕާޓީގެ ނިންމެވުމަކީ ރައްޔިތުންގެ ވިސްނުމަށް އިހުތިރާމް އަދާކުރުމުގެގޮތުން ނިންމެވި ނިންމެވުމެއްކަމަށް އަޒްލީން ވިދާޅުވިއެވެ.

"ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް އަޅުގަނޑުމެން ބަލާނީ އިސްލާހަށް މަސައްކަތްކުރުމަށް. ލީޑަރުގެ ރިފޯމް އެޖެންޑާގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދާދެވޭތޯ ބަލާނަން. ދެ ޕާޓީންކަންކުރި ގޮތާމެދު ވިސްނާފައި މި ސްޓޭންޑް ނެގީ. މިހާރަށްވުރެ ވަރުގަދަ ލީޑަރޝިޕަކާއެކު ޖުމްހޫރީ ޕާޓީގެ ސަފުތައް ރުކުރުވާލާނަން. ރައްޔިތުންގެ މަޖިލީހާއި ސަރުކާރާ ހަވާލުކުރީމަ ގޯސްވާނެ".
ޖުމްހޫރީ ޕާޓީގެ އައު ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ ދާހިލީ ވަޒީރު އަޒްލީން އަހުމަދު

މިވަގުތު ޖުމްހޫރީ ޕާޓީ މިއޮތީ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތައް ދެނެގަތުމަށްކަމަށާއި ދެންވެސް ރައްޔިތުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ ހައްގުގައި ޕާޓީން ނުކުންނާނެކަމުގެ ޔަގީންކަން އަޒްލީން ވަނީ ދެއްވާފައެވެ.

އަޒްލީން ވިދާޅުވީ، ގިނަ މަޝްވަރާތަކެއް ކުރެއްވުމަށްފަހު ޕާޓީން އެއްވެސް ކެންޑިޑޭޓެއްގެ ފަހަތައް ނާރަން ނިންމިޔަސް، ޕާޓީން ވަކިނުވެ ކޮންމެ މެމްބަރަކުވެސް ގޮތް ނިންމުމުގެ އިހުތިޔާރު އެ މެމްބަރަކަށް ލިބިދީފައިވާކަމަށެވެ.

މި އިންތިހާބުގެ ނަތީޖާއާއެކު މުޅި ޕާޓީ އޯވަހޯލް ކުރަންޖެހޭކަމަށް ގަބޫލުކުރައްވަންތޯ އެއްސެވުމުން އަޒުލީން ވިދާޅުވީ، އެކަން ގަބޫލުފުޅު ކުރައްވާކަމަށާއި ޕާޓީގެ ލީޑަރޝިޕަށްވެސް ބަދަލުތަކެއް އަންނާނެކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީން ވާދަކުރައްވާ ބޭފުޅުން ކަނޑައެޅުމުގައި ވެސް ބަދަލުތަކެއް ގެންނަވާނެކަމަށް އަޒްލީން ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހަށް އޮއްޓަރުހުރި މެމްބަރުން ހޮވާނަމަ އެ މެމްބަރުން ކޮރަޕްޝަނާ ދެކޮޅަށް ނުކުމެވަޑައިގަންނަވާނެ. ޖަލަށްދާން ޖެހިޖިއްޔާ އެކަންވެސް ކުރާނެ. މިހުރިހާ ބާރެއް ވަކިކުރަންޖެހޭ.މިކަން ރައްޔިތުން ނުކުރައްވައިފިނަމަ ހޯދައި ނުފެންނާނެ."
ޖުމްހޫރީ ޕާޓީގެ އައު ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ ދާހިލީ ވަޒީރު އަޒްލީން އަހުމަދު

އަޒްލީން ވިދާޅުވީ މިހާރު ފެންނަ މަންޒަރަކީ މަޖިލިސް ޕެރަލައިޒްކޮށްލައިގެން ވެރިކަމުގައި ތިބޭ މީހުން ބޭނުންގޮތަކަށް ކަންކުރައްވާ މަންޒަރުކަމަށެވެ.