މުޅި މަޖިލީހުގެ ކޮމިޓީއަށް މެމްބަރުން ހާޒިރުވެވަޑައިގަތުމާ މެދު މަޖިލިސް ތަމްސީލު ކުރާ މައި ތިން ޕާޓީން އަދިވެސް މަޝްވަރާ ކުރަމުންދާތީ މިއަދުގެ ޖަލްސާއަށް ހުށައަޅާފައިވާ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅޭ ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންދެވި ދަތިތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރެއްވި އިލްޔާސް ލަބީބެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގަތް 35 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. މަޖިލީހަށް ގަރާރު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ގެންގޮސް ދިރާސާކޮށްގެން އަލުން ތަޅުމަށް ގެނެސް ފާސްކުރަން މަސައްކަތް ކުރައްވާނެކަމަށް އެ ގަރާރުގެ ބަހުސް ފެށްޓެވިއިރު އެމަނިކުފާނު ވިދާޅުވިއެވެ.
ގަރާރު މުޅި މަޖިލީޖުގެ ކޮމިޓީއަށް ގެންދަވަން ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު، މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. މި ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ތަމްސީލުކުރައްވާ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒްއެވެ.
މިއާއެކު މި ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް ގެންދިއުމާ ގުޅޭގޮތުން ނެގި ވޯޓުގައި، ވޯޓުގައި ބައިވެރިވެވަޑައިގަތް 34 މެމްބަރުން ވަނީ އެކަން އެގޮތަށް ކުރަން ފެންނަކަމަށް ވޯޓުދެއްވާފައެވެ.
މުޅި މަޖިލީހުގެ ކޮމިޓީގެ މަސައްކަތް މިއަދުގެ ޖަލްސާއަށް ތާވަލުކުރިއިރު މަޖިލީހުގެ ގަވާއިދު ބުނާގޮތުން މުޅި މަޖިލީހުގެ ކޮމިޓީއެއް ހިންގޭނީ 29 މެމްބަރުން ހަމަވެގެންނެވެ. އެހެންނަމަވެސް މަޖިލީހަށް ހާޒިރުވެ ތިއްބެވީ 18 މެމްބަރުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ޖުުމްލަ 87 މެމްބަރަކު ތިއްބަވާ އިރު ޖަލްސާއެއް ކުރިއަށް ގެންދަން ކޯރަމްވެސް ހަމަވަނީ 22 މެމްބަރަކު ވަޑައިގެންނެވުމުންނެވެ.
މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޕާޓީތަކު ގެ އިސް މެމްބަރުން ތިއްބެވީ މަޝްވަރާގަ އެވެ.
ޑިމޮކްރެޓްސްގެ ގަރާރަށް ފާޅުގައި ދެކޮޅު ހެދުމަށްފަހު އެމްޑީޕީއާއި ޕްރޮގްރެސިވް ކޯލިޝަނުން އިއްޔެ ވަނީ ގަރާރު ބަލައިގަންނަން އެއްބަސްވެފައެވެ. އެހެންކަމުން ދެން މިއަދު އިތުރަށް މަޝްވަރާ ކުރަނީ ކޮންކަމަކާ ގުޅޭގޮތުންކަމެއް އަދި ސާފެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ދިޔަނުދީ ހިފަހައްޓާފައި އޮތީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިގެން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ރައީސް ސާލިހު އިއްޔެވަނީ އެ ވާހަކަފުޅު ދޮގުކުރައްވާފައެވެ.
ރައީސް ވިދާޅުވީ، މަޖިލިސް ހުއްޓިފައި އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެފަދަ އެއްވެސް ކަމެއްގައި އެމަނިކުފާނުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު މެންބަރުންނަށް ޖަލްސާތަކަށް ހާޒިރު ނުވެވި ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިގެ ތާއީދާ އެކު، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވޯޓަށް އަހަން ފެންނަ ކަމަށް ނިންމައިފި ނަމަ، އެކަން ކުރަން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އިލެކްޝަން ކޮމިޝަންގައި އެދޭނެ ކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ.
މީގެކުރިން 2007ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.