ބާރުގަދަ ތޫފާނުގައި ސުންނާފަތިވި ލީބިޔާގެ ދިރްނާ ސިޓީގެ އާންމުން ނުކުމެ، އެ ސިޓީގެ މޭޔަރުގެ ގެކޮޅުގައި ހުޅުޖަހައި އަންދާލައިފިއެވެ.

އެތައްހާސް އާންމުން މަގުތަކަށް ނުކުމެ ފުރަތަމަ ޖަމާވީ، ދިރްނާ ސިޓީގެ މަޝްހޫރު މައިދާނެއް ކަމަށްވާ ސަހާބާ މިސްކިތް ކައިރިއަށެވެ.

މަގުތަކަށް ނުކުތް އާންމުންވަނީ، ސަރުކާރުގެ ކަމާބެހޭ އެތައް އިސް އޮފިޝަލުން ވަގުތުން މަގާމުން ދުރުކުރުމަށް ގޮވާލާފައެވެ.

އާންމުން ރުޅިއައިސްގެން އުޅެނީ، ތޫފާން "ޑެނިއަލް" އަންނަކަމުގެ އިންޒާރު ދުރާލާ ނުދިނުމުންނެވެ.

ތޫފާނާއެކު ބޯކޮށް ވާރޭ ވެހޭނެކަން ކަމާބެހޭ އިދާރާތަކަށް ކުރިން އެނގޭނެ ކަމަށާއި، އެކަމާބެހޭ މައުލޫމާތު އާންމުންނަށް ނުދިނުމުން ލިބުނު ގެއްލުންތަކުގެ ޒިންމާ ވެރިން އުފުލަން ޖެހޭނޭ ކަމަށް އާންމުން ބުނަމުން ގެންދެއެވެ.

މަގުތަކަށް ނުކުތް ބައެއް މީހުން ބުނެފައިވަނީ، އޮފިޝަލުން އެންގީ ގޭގައި ތިބުމަށް ކަމަށާއި، ގެދޮރު ދޫކޮށްދާން ނާންގާ ކަމަށެވެ.

މިކަމުގެ ރުޅީގައި މަގުތަކަށް ނުކުތް މީހުން މޭޔަރު އަބްދުލްމެނަމް އަލްޣައިޘީގެ ގެކޮޅުގައި ރޯކޮށް ވަނީ އަންދާލާފައެވެ.

ތޫފާނާއެކު ބޮކޮށް ވާރޭވެހި ދިރްނާ ސިޓީގައި އެއްކޮށް ފެންބޮޑުވެ ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ ތަފާތު އަދަދުތައް އެކި ފަރާތްތަކުން ހާމަކޮށްފައި ވެއެވެ.

އދއިން ބުނެފައިވަނީ މަރުވި ކަމަށް މިހާތަނަށް ކަށަވަރު ކުރެވިފައިވަނީ 4،000 މީހުން ކަމަށެވެ. 10،000 މީހުން ގެއްލިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ގެއްލުން މީހުންނަކީ ފެނުގެ ސައިލާއެކު އޮޔާދިޔަ މީހުންނާއި، ވެހިކަލްތަކާއެކު އޮޔާދިޔަ މީހުންނެވެ.

ފެންބޮޑުވުމުގެ ސަބަބުން ލީބިޔާއިން މަރުވާ މީހުންގެ އަދަދު ވިހިހާހުން މައްޗަށް ދާނެކަމަށް އެކި ފަރާތްތަކުން ލަފާކޮށްފައި ވެއެވެ.

ގެއްލިފައިވާ މީހުން ހޯދުމާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ މަސައްކަތް ޓީމުތަކުން ކުރަމުންދާއިރު، ދިރްނާ ސިޓީގެ އާންމުން ރުޅިއައިސް މަގުތަކަށް ނުކުތުމުގެ ސަބަބުން ބޮޑެތި މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.

ދިރްނާ ސިޓީ ކައުންސިލް އެއްކޮށް މިހާރު ސަސްޕެންޑް ކޮށްފައިވާއިރު، އެ ސިޓީން އިންޓަރނެޓާއި، ފޯނުގެ ޚިދުމަތްވެސް މިހާރުވަނީ ކަނޑާލާފައެވެ.

އަދި އެ ސިޓީގައި ހަރަކާތްތެރިވާ ބޭރުގެ ނޫސްވެރިން ސިޓީން ފައިބައިގެން ދިއުމަށްވެސް ވަނީ އަންގާފައެވެ.

އދއިން ބުނެފައިވަނީ، ބެންޣާޒީގައި ހަރަކާތްތެރިވަމުން ދިޔަ އދގެ ޓީމެއް ދިރްނާއަށް ވަންނަން ހުއްދަވެސް ނުދިން ކަމަށެވެ.

ނަމަވެސް، އދގެ ރެސްކިއު އެހެން ޓީމުތަކާއި، މެޑިކަލް ޓީމުތަކާއި، އދގެ އޮފިޝަލުން ދިރްނާގައި ހަރަކާތްތެރި ވަމުންދާ ކަމަށް އދގެ ހިއުމަނިޓޭރިއަން އޮފީހުން ބުނެފައި ވެއެވެ.

ނޭޓޯ އަޑީގައި އޮވެގެން ލީބިޔާގެ ރައްޔިތުން އޭރުއޮތް މުއައްމަރުލް ޣައްޒާފީގެ ސަރުކާރާ ދެކޮޅަށް އުތުރިއަރައި، ސަރުކާރު ވައްޓާލައި ޣައްޒާފީ އަވަހާރަކޮށްލިފަހުން ހަނގުރާމަ އާންމުވެ މުޅި ގައުމު މިހާރުއޮތީ ސުންނާފަތި ވެފައެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ލީބިޔާގައި މިހާރު 2 ސަރުކާރު އޮވެއެވެ. އެއީ، އދ މެދުވެރިގެން ގާއިމްކުރި ދުނިޔެ ގަބޫލުކުރާ ސަރުކާރާއި، ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޚަލީފާ ހަފްތާރުގެ ވާގިވެރިކަމުގައި ލީބިޔާގެ އިރުމަތީގައި ގާއިމްކޮށްފައިވާ ސަރުކާރެވެ.

އިރުމަތީގައި ގާއިމްކޮށްފައިވާ ސަރުކާރުގެ ވެރިޔަކީ އުސާމާ ހަމަދުއެވެ. އދއާއި، ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ ސަރުކާރުގެ ވެރިޔަކީ އަބްދުލްހާމިދު ދްބައިބާއެވެ.

ތޫފާން އަރައިގެން އުޅެނީ އިރުމަތީގައި ގާއިމްކޮށްފައިވާ ސަރުކާރުގެ ދަށުގައި އޮންނަ ދިރްނާ ސިޓީއަށެވެ.