ނައިޖީރިއާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލްކުރަން އިދިކޮޅު ދެ ކެންޑިޑޭޓުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

ނައިޖީރިއާގައި ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 25 ވަނަ ދުވަހުއެވެ.

އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ނައިޖީރިއާގެ ރައީސްކަމުގައި މިހާރުވެސް ހުންނެވި ބޯލަ ޓިނޫބޫއެވެ.

ރިޔާސީ އިންތިޚާބުން ދެވަނައަށް ވަޑައިގެންނެވީ އިދިކޮޅު ޕީޕަލްސް ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓް އަލްހާޖީ އަޓީކޫ އަބޫބަކަރްއެވެ. ތިންވަނައަށް ވަޑައިގެންނެވީ އިދިކޮޅު ލޭބަރ ޕާޓީގެ ކެންޑިޑޭޓް ޕީޓަރ އޯބީއެވެ.

އިންތިޚާބުގެ ތެރޭގައި ގާނޫނާއި ގަވާއިދާ ޚިލާފް އެތައް ކަމެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އިދިކޮޅު 2 ކެންޑިޑޭޓުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅުއްވީ އިންތިޚާބާ ގުޅޭ މައްސަލަތައް ބަލާ ޚާއްސަ ޓްރައިބިއުނަލްއަށެވެ.

ނަމަވެސް، 5 މެމްބަރުން ހިމެނޭ ޓްރައިބިއުނަލުން މައްސަލަ ބެލުމަށްފަހު މިމަހުގެ 6 ވަނަ ދުވަހު ކަނޑައަޅާފައިވަނީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް، އޯލް ޕްރޮގްރެސިވް ކޮންގްރެސްގެ ކެންޑިޑޭޓް ބޯލަ ޓިނޫބޫ ކަމަށެވެ.

އަދި އިންތިޚާބުގެ ނަތީޖާ ބާތިލްކުރަންޖެހޭ ތަނެއް ނެތް ކަމަށްވެސް ކަނޑައަޅާފައި ވެއެވެ.

ޓްރައިބިއުނަލްގެ ނިންމުމާ ގުޅިގެން އިދިކޮޅު ކެންޑިޑޭޓުންނަށް ދެންއޮތް ފުރުސަތަކީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމެވެ.

ޕީޕަލްސް ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓް އަޓީކޫ އަބޫބަކަރް އާއި، ލޭބަރ ޕާޓީގެ ކެންޑިޑޭޓް ޕީޓަރ އޯބީވަނީ، ވަކިވަކިން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ.

އަޓީކޫ އަބޫބަކަރް ހުށަހެޅުއްވި މައްސަލާގައި، މިހާރުގެ ރައީސް ބޯލާ ޓިނޫބޫއާ ދެކޮޅަށް 35 ކަމެއް ހުށަހަޅުއްވާފައި ވެއެވެ.

އަދި ބުނެފައިވަނީ، އިންތިޚާބުގެ ތެރޭގައި ހިންގާފައިވާ އޮޅުވާލުންތަކަށް ބަލާއިރު، ނަތީޖާ ބާތިލް ނުކުރުމަކީ ޓްރައިބިއުނަލްއިން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

"އިންޑިޕެންޑެންޓް ނޭޝަނަލް އިލެކްޓޯރަލް ކޮމިޝަނުން" އިންތިޚާބުގެ ތެރޭގައި ގާނޫނުތަކާއި ގަވާއިދުތަކުގެ ބޭރުން އެތައް ކަމެއް ކޮށްފައިވާއިރުވެސް، ޓްރައިބިއުނަލްއިން މައްސަލަ ނިންމުމުގައި އެކަންކަމަށް ފުރިހަމައަށް ރިއާޔަތް ކޮށްފައި ނުވާކަމަށް، އަޓީކޫ އަބޫބަކަރް ހުށަހެޅުއްވި މައްސަލާގައި ވެއެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލްކުރަން އިދިކޮޅު 2 ކެންޑިޑޭޓުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވިއިރު، ރައީސް ބޯލާ ޓިނޫބޫ މިވަގުތު ހުންނެވީ އދގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައި ގަތުމަށް ނިއުޔޯކަށް ވަޑައިގެންނެވެ.

ނައިޖީރިއާގައި ދީމިގްރާތީ ވެރިކަމެއް ގާއިމްކުރިފަހުން، ރިޔާސީ އިންތިޚާބެއްގެ ނަތީޖާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކާމިޔާބު ވެފައެއް ނުވެއެވެ.

ގާތްގަނޑަކަށް 30 އަހަރު ވަންދެން އަސްކަރީ ވެރިކަމެއް ކުރި ނައިޖީރިއާގައި ދީމިގްރާތީ ވެރިކަމެއް ގާއިމްކުރީ 1999 ވަނަ އަހަރުއެވެ.

އިންތިޚާބުގައި އޮޅުވާލުމާއި، މަކަރު ހެދުމަކީ އެގައުމުގައި އާންމު ކަމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.