އިޖްތިމާޢީ ޚިދުމަތަކީ ޕްރޮފެޝަނަލް މިންގަނޑުން ގިންތި ކުރެވޭ ފަންނީ ދާއިރާއެއްގެ ގޮތުގައި ބަލައިގަނެ ކަނޑައެޅިގެން ދިއައީ މިސަރުކާރުން ކުރި މަސައްކަތުންކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑަރ މިނިސްޓްރީން މިފަދައިން ބުނީ އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރަ ކުޑަވެ މުވައްޒަފުންގެ މެދުގައި އެކަމާމެދު ކަންބޮޑުވުންތައް ހުރިކަމަށްބުނެ ބައެއް މީޑިއާތަކުގައިފެތުރެމުންދާ ހަބަރުތަށް ދޮގުކޮށް ނެރުނު ބަޔާނެއްގައެވެ.
ބަޔާނުގައި ވަނީ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން އިޖްތިމާޢީ ޚިދުމަތްދިނުމުގެ ދާއިރާގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ އުޖޫރައާމެދު ޒަމާނުއްސުރެ އޮތް ކަންބޮނޑުވުމަށް ހައްލު ގެނެސްދިނުމަށްޓަކައި އިޖްތިމާޢީ ޚިދުމަތްތެރިންގެ ޕްރޮފެޝަނަލް އޮނިގަނޑެއް އެކުވަލާއި 01 މެއި 2023 ވަނަ ދުވަހު މިސަރުކާރުން ވަނީ އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރައަށް ހެޔޮބަދަލުތަކެއް ގެނެސްދެއްވާފައިވާ ކަމަށެވެ.
އެގޮތުން އިޖްތިމާޢީ ޚިދުމަތްތެރިންނަށް މީގެ ކުރިން އިތުރު ގަޑީގެ ފައިސާއާއިއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 15,000 ރުފިޔާ ކަމަށާއި އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރަ ގާތްގަނޑަކަށް 67 އިންސައްތައިގެ ކުރިއެރުމެއް ގެނެސް، އިތުރު ގަޑީގެ ފައިސާއާއި ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެ ގޮތަށް މިހާރު ވަނީ ކަނޑައަޅާފައި ކަމަށް ބަޔާނުގައިވެއެވެ.
މިނިސްޓްރީގައި އިޖްތިމާޢީ ޚިދުމަތްތެރިންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޕޭ ހާމަނައިޒްކުރެވި އައު އޮނިގަނޑަށް ހިޖުރަކުރުމާއިއެކު މިދާއިރާގައި މަސައްކަތްކުރަމުންދާ 137 މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް ގެނެސްދެވުނު ކަމަށާއި އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރައަށް މިގެނެވުނު ހެޔޮ ބަދަލާއެކު ސިވިލް ސަރވިސް ކޮމިޝަންގެ ޖީ.އެސް ރޭންކް ހަތަރެއްގައި މަސައްކަތްކުރާ 33 މުވައްޒަފުން ވަނީ ޕަބްލިކް ސަރވިސް ރޭންކް ފަހަކަށް ހިޖްރަކުރެވިފައި ކަމަށް ބަޔާނުގައިވެއެވެ.
ޕަބްލިކް ސަރވިސް ރޭންކް ފަހެއްގައިވާ މުވައްޒަފުންގެ ތެރެއިން މިހާރު މިދާއިރާއިން މަތީތަޢުލީމް ހާސިލްކުރަމުންދާ 10 މުވައްޒަފުންނަށް ޕްރޮފެޝަނަލް ސަނަދެއް ހާސިލްކުރުމާއިއެކު ވަޒީފާގެ ކުރިއެރުން ލިބިގެންދާނޭ ކަމަށާއި އަދި މިރޭންކުގައި ބާކީތިބި 23 މުވައްޒަފުންނަށް ދާއިރާގެ ސަނަދެއް ހާސިލް ކުރުމުން ޕޭ ހާމަނައިޒްކުރެވި އައު އޮނިގަނޑަށް ފެތިގެންދާނޭ ކަމުގައިވެސް ޖެންޑަރ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
މިގެނެވުނު ބަދަލަކީ އިޖްތިމާޢީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިދާއިރާއިން ކުރިއަށް ދިއުމަށާއި، ދާއިރާގައި ދެމިތިބުމަށާއި އަދި ދާއިރާއިން ކުރިމަގެއް ބިނާކުރުމަށް ހުޅުވިގެންދިޔަ ފަހި ފުރުސަތެއް ކަމަށް ގަބޫލުކުރާ ކަމަށްވެސް ޖެންޑަރ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.