ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގޮތް ނިންމާނީ ސިޔާސީގޮތުން ފާއިތުވެދިޔަ 15 އަހަރު ތެރޭގައި ލިބުނު ތަޖުރިބާގެ އަލީގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯއީ، އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް ކުރެއްވި ޕޯސްޓެއްގައިވަނީ 2008 ވަނަ އަހަރު ސިޔާސީ މައިދާނަށް ނިކުމެ މަޖިލީހަށް އިންތިޚާބުވި ދުވަހުން ފެށިގެން ސިޔާސީ ގޮތުން ފާއިތުވެދިޔަ 15 އަހަރު ތެރޭގައި ތަފާތު ގިނަ ތަޖުރިބާތަކެއް ކުރަން ޖެހިފައިވާކަން ހާމަކުރައްވާފައެވެ.

އެގޮތުން އޭނާގެ އާއިލާ ވަނީ އެކިފަހަރު މަތީން ފުރާނައަށް ނުރައްކާވާ ޙާލަތްތަކާއި ކުރިމަތިވެފައި ކަމަށާއި ތަހައްމަލު ކުރަންޖެހުން ކަންތައްތަކުގައި ތެރޭގައި އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި ހުންނަންޖެހުމާއި، ކުށެއްނެތި ގިނަ ދުވަހު ހުރަގޭގައި ވަރަށް އަނިޔާވެރިކޮށް ބަންދުވެފައި އޮންނަންޖެހުނު ދުވަސްތަކެއްވެސް ދިޔަކަން އިލްހާމްވަނީ ފާހަގަކުރައްވާފައެވެ.

މިހުރިހާ ހިތި ތަޖުރިބާތަކުގެ އަލީގަ އާއި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ސިޔާސީ ގޮތުން މުހިންމު ނިންމުމެއް ނިންމަންޖެހިފައިވާކަން ހާމަކުރައްވަމުން އިލްހާމް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ސިޔާސީ ހަޔާތް ތަރުތީބުވެގެން ދާނީ ސިޔާސީ ތަޖުރިބާއިން ނިންމާ ނިންމުމުގެ މައްޗަށް ކަމަށެވެ.

ވުމާއެކު ސިޔާސީ ގޮތުން ކުރިޔަށްދާން ނިންމާފައިވާގޮތް ދިވެހި ރައްޔިތުންނަށް ވަރަށް އަވަހަށް ހާމަކުރާނެ ވާހަކަ އިލްހާމްވަނީ ފާހަގަކުރައްވާފައެވެ.

ރިޔާސީ އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖުމްހޫރީ ޕާޓީން ނިންމިނަމަވެސް މެމްބަރުން ބޭނުން ކެނޑިޑޭޓަކަށް ތާއީދުކުރުމުގެ ފުރުސަތު ޕާޓީގެ ތެރެއިން އޮތީ ފަހިވެފައެވެ.

މިއާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވަނީ އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދުކުރައްވާނީ މިހާރުގެ ރައީސް ސާލިހަށްކަން ހާމަކުރައްވާފައެވެ. މިކަން ހާމަކޮށް ރިޔާޒް ކުރެއްވި ޕޯސްޓްގައިވަނީ ރައީށް ސާލިހާއެކު ހާއްސަ މަޖިލީހުގައި އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ހާމަކުރައްވާފައެވެ.