މިއަދަކީ ބައިނަލްއަޤްވާމީ އަލްޒައިމާސް ދުވަހެވެ. އަލްޒައިމާސް އަކީ ޑިމެންޝިއާގެ އެންމެ އާންމު ވައްތަރެވެ.
ޑިމެންޝިއާއަކީ ވިސްނުމަށާއި ހަނދާންކުރުމަށާއި އަދި އާންމު ދިރިއުޅުމުގައި ގޮތް ނިންމުމަށް ދަތިވާ ދަތިވުންތަކަކަށް އިޝާރާތްކޮށް ބޭނުންކުރާ އާންމު ލަފުޒެކެވެ.
ކޮންމެ ސެޕްޓެމްބަރު މަހެއްގެ 21 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ އަލްޒައިމާސް ދުވަހަކީ އަލްޒައިމަރސް ބައްޔާއި ޑިމެންޝިއާގެ އެހެނިހެން ވައްތަރުތަކަށް މީހުން ހޭލުންތެރިކުރުމަށް ފާހަގަކުރާ ދުވަހެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިނުރައްކާތެރި ބަލީގެ ޝިކާރައަކަށްވެފައިވާ 55 މިލިއަނަށްވުރެ ގިނަ މީހުން އުޅެއެވެ.
ރާއްޖޭގައި އެލްޒައިމާސްއަށް މީހުން ހޭލުންތެރިކުރުމަށް އެލްޒައިމާސް ސޮސައިޓީ އޮފް މޯލްޑިވްސްއިން އަންނަނީ ގިނަ ކަންތައްތަކެއް ރާވައި ހިންގަމުންނެވެ.
ޑިމެންޝިއާއަކީ ކަންބޮޑުވާންޖެހޭ ސިއްޙީ މައްސަލައެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ކަމެކެވެ. އެގޮތުން މިއީ މުޅި ދުނިޔޭގައި ވެސް ހަތް ވަނައަށް އެންމެ ގިނަ މީހުން މަރުވާ ސަބަބު ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވެއެވެ.
ނަމަވެސް އަދިވެސް މިބައްޔާއި މެދުގައި ދިވެހި މުޖުތަމަޢުގެ ހޭލުންތެރިކަން ކުޑަކަން ފާހަގަކުރެވެއެވެ. މިއީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ ބައްޔެއްގެ ގޮތުގައި ދެކޭއިރު އަނެއް ބަޔަކު މިއީ ބައްޔެއް ކަމަށް ޤަބޫލުނުކުރެއެވެ.
ޑިމެންޝިއާއާ ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް 2019 ވަނަ އަހަރު އެލްޒައިމާސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ނަމުގައި ރާއްޖޭގައި ޖަމިއްޔާއެއް އުފައްދާ މަސައްކަތް ފަށާފައިވަނީ 2021ގައެވެ.
ޑިމެންޝިއާއަކީ ކޮންމެ އުމުރެއްގެ މީހަކަށްވެސް ކުރިމަތިވެދާނެ ހާލަތެކެވެ.
ޑިމެންޝިއާގެ ހާލަތު މެދުވެރިވުމާ ގުޅޭ މައުލޫމާތު ހިމަނާ އެކަމާ ގުޅޭގޮތުން މުޖުތަމަޢު ދެކޭގޮތް ބަދަލުކޮށް ހޭލުންތެރި ކުރުމަށް ހާއްސަ ލީފްލެޓެއް ވެސްވަނީ ނެރެފައެވެ.
"ޓެން ސައިންސް އޮފް ޑިމެންޝިއާ" މި ނަމުގައި ނެރުނު ލީފްލެޓަކީ އެލްޒައިމާސް ސޮސައިޓީ އޮފް މޯލްޑިވްސްއިން ތައްޔާރުކުރި ލީފްލެޓެކެވެ.
ޑިމެންޝިއާގެ ހާލަތު މެދުވެރިވުމުން ފެންނަ އާއްމު އަލާމާތްތަކުގެ ތެރޭގައި ހަނދާން ނެތުމުގެ ސަބަބުން އާދަވެ، ކުރާ ކަންކަމަށް ނޭދެވޭ އަސަރުކުރުން، ކަންކަން ރޭވުމަށާއި ދިމާވާ މައްސަލަތައް ހައްލ؛ުކުރުމުގައި ގޮންޖެހުންތައް ކުރިމަތިވުން، ފަރިތަކަމާއެކު ކޮށްއުޅުނު ކަންކަން ކުރުމަށް ދަތިވުން، ވަގުތުތަކާއި ތަންތަން އޮޅުންއެރުން، މުއާމަލާތްކޮށް އުޅުމަށް ދަތިވުން، ގެންގުޅޭ ތަކެތި ބެހެއްޓުނު ތަން ހަނދާން ނެތުން، ބަލިކަށި ގޯސް ނިންމުންތައް ނިންމުން، ކުރާ މަސައްކަތް ނުވަަތަ އިޖުތިމާއި ކަންކަމާއި ދުރުހެލިވުން އަދި މިޒާޖަށް ބަދަލުތަކެއް އައުމާއި މީހާގެ އުޅުމަށް ބަދަލު އައުން ހިމެނެއެވެ.
ދުވަސްވީ މީހުން، ހަނދާން ނެތެން ފެށުމުން އެއީ އުމުރުން ދުވަސްވުމުން ދިމާވާ ކަމެއްކަމަށްހިތާ އަޅާނުލައި ދޫކޮށްލެވޭތަން އާދެއެވެ.
ނަމަވެސް، މިއީ އެއަށްވުރެ ބޮޑަށް ވިސްނާލަންވެއްޖެ ކަމެކެވެ. ސިއްހީ އެހީތެރިކަން ހޯދުމަކީ އަބަދުވެސް އެންމެ ބުއްދިވެރި ގޮތެވެ.
މިއަހަރުގެ މި ދުވަހުގެ ޝިއާރުގައި ބުނާ ފަދައިން މިއީ ހަމަ ރަނގަޅު ވަގުތެވެ. ޑިމެންޝިއާގެ ނުރައްކާ ކުޑަކުރުމަށް މަސައްކަތް ފަށަމާ ހެއްޔެވެ؟