ފާއިތުވި އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ 2022ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 17 އިންސައްތަ ދަށްވެފައިވާ ކަމަށް ކަސްޓަމްސްއިން އާއްމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު 2022ވަނަ އަހަރުގެ އޮގަސްޓް މަހު 391 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މިޢަދަދުވަނީ 324 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

އެގޮތުން ހުސްވި އޮގަސްޓް މަހު ރާއްޖެއިން އެކްސްޕޯޓް ކުރެވިފައިވަނީ 93 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 2022 ވަނަ އަހަރުގެ އޮގަސްޓްމަހާ އަޅާ ބަލާއިރު 26 އިންސައްތަ ދަށް އަދަދެކެވެ. އަދި މި މުއްދަތުގައި ރާއްޖެއަށް އިމްޕޯޓު ކުރެވިފައިވަނީ 5 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ 2022 ވަނަ އަހަރުގެ އޮގަސްޓްމަހާ އަޅާ ބަލާއިރު 7 އިންސައްތަ އިތުރު އަދަދެކެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޔޫ.އޭ.އީ، ޗައިނާ އަދި ޖަރުމަނު ވިލާތެވެ. އޮމާން އިން 887 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 736 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މީގެއިތުރުން ޔޫ.އޭ.އީ އިން 648 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޗައިނާ އިން 398 މިލިއަން ރުފިޔާގެ މުދާ އަދި ޖަރުމަނު ވިލާތުން 364 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައިކަމަށް ތަފާސްހިސާބުތައް ދައްކައެެވެ.

މިއަހަރުގެ އޮގަސްޓް މަހު ރޯޔަލްޓީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ އާއްމުދަނީގެ ނިސްބަތަކީ 2,153,953 (ދެ މިލިއަން އެއްލައްކަ ފަންސާސް ތިންހާސް ނުވަ ސަތޭކަ ފަންސާސް ތިން ރުފިޔާ) އެވެ.