ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މަސައްކަތުގެ ފެންވަރާ ގުޅުވައިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ދޭ މުސާރައިގެ ކުރިއެރުން (ސްޓެޕް އެލަވަންސް) ދޭން ނިންމައިފިއެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާ ގުޅުވައިގެން ސްޓެޕް އެލަވަންސް ދިނުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިނޭންސްއިން ދީފައިވާކަމަށެވެ. އެެހެންކަމުން އަންނަ އޮކްޓޯބަރު މަހުގައި މުވައްޒަފުންނަށް މި އެލެވަންސް ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި، މިހާރު ވާނީ، ކޯޓުތަކަށް މި މަޢުލޫމާތު ހިއްސާކޮށްފައިކަމަށް ޑީޖޭއޭއިން ބުނެއެވެ.
އެގޮތުން ޕާފޯމަންސް އެޕްރެއިޒަލް ފޯމުތައް ފުރިހަމަ ކުރުމަށް ފަހު އޮކްޓޯބަރު ފަސް ވަނަ ދުވަހުގެ ނިޔަލަށް ފޮނުވޭ ފޯމުތަކަށް އެލަވަންސް ދޭނެކަމަށް ޑީޖޭއޭއިން ބުނެއެވެ. މިހާތަނަށް އެލަވަންސް ނުދެވިވާ މަސައްކަތުގެ ފެންވަރު ބެލުމުގެ މުއްދަތުތައް ކަމުގައިވާ 2019 – 2020 އަދި 2021 – 2022 ގެ އެލަވަންސް މިއާއިއެކު ދެވިގެންދާނެކަމަށާއި، މި ހިނގާ 2023 ވަނަ އަހަރު ވާނީ 2017 – 2018 ގެ ސްޓެޕް އެލެވަންސް ފައިސާ މުވައްޒަފުންނަށް ދީފަކަންވެސް ޑީޖޭއޭއިން ހިއްސާކޮށްފައިވެއެވެ.
ޑީޖޭއޭއިން ބުނީ، ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ކުރިއެރުން، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ދިނުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިނޭންސްއިން ދީފައިވާތީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހްތައް ގެނެވިފައިވާކަމަށެވެ.