ރާއްޖެއަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދު ރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތުމުން އެކަމަށް ސަމާލުކަން ދިނުމަށް މޫސުމާބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކޮށްފިއެވެ.
ވީނިއުސްއަށް މައުލޫމާތު ދެމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ބުނެފައެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ރާއްޖޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން އާއްމުގޮތެއްގައި ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.
މެޓް އޮފީހުން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދު ރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތުމުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ރާއްޖޭގެ ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާ ތައްވެސް ވަނީ ހިނގައިފައެވެ. މިފަދަ ހާދިސާތަކުގައި ބައެއް ގެތަކަށް ފެންވަދެ ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފައެވެ.
އެހެންކަމުން ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށާއި ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި ދަތުރުކުރާ އުޅަނދުގައި ސަލާމަތީގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އުދައިގެ އަސަރު ކުރާނެކަމަށް ލަފާކުރެވޭ ސަރަހައްދުތަކުގެ ރައްޔިތުން އުދައިން ސަލާމަތްވުމަށް ދުރާލާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް ކަމާބެހޭ އިދާރާތުން އިލްތިމާސްކުރެއެވެ.