ޔުނިވާސިޓީން ކުރިއަށް ގެންދިޔަ އެއްވެސް ހަރަކާތެއްގައި ދަރިވަރުންގެ ކިބައިން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކެމްޕެއިން ކޮށްދިނުމަށް އެދިފައި ނުވާނެކަމަށް އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް) އިން ބުނެފިއެވެ.
ޔުނިވާސިޓީން މިކަން ހާމަކޮށް ބަޔާނެއް ނެރެފައި މިވަނީ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީގައި ހިމެނޭ ދަރިވަރުން ހާޒިރުކުރައްވައި، ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ކެމްޕެއިން ކޮށްދެއްވުމަށް އެދިވަޑައިގެންނެވިކަމަށް ބުނެ "ދިޔަރެސް" ނޫހުގައި ލިޔެފައިވާ ޚަބަރަކާ ގުޅިގެންނެވެ.
"ދިޔަރެސް" ނޫހުން ޝާއިއުކުރި ހަބަރުގައިވާގޮތުން އައިޔޫއެމްގެ ދަރިވަރުންގެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ޑރ.ޒަކަރިއްޔާ ވަނީ މި ސަރުކާރުގެ ސިޔާސަތުތައް މޮޅުވެފައި ރަނގަޅުކަމަށް ވިދާޅުވެ ރައީސް ސާލިހު ދެވަނަ ދައުރަކަށް ހޮވުމަށް އަމަލީ ގޮތުން މަސައްކަތްކޮށްދިނުމަށް ދަރިވަރުން ކިބައިން އެދިވަޑައިގެންފައެވެ. މިގޮތުން ކުރަންވީ ބައެއް ކަންކަމާމެދު ޑރ.ޒަކަރިއްޔާ ދަރިވަރުންނަށް މަޝްވަރާ ދެއްވާފައިވާކަމަށްވެސް ނޫހުގައިވެއެވެ.
މި ހަބަރު ދޮގުކޮށް ޔުނިވާސިޓީގެ ބަޔާނުގައި ބުނީ ވައިސް ޗާންސެލަރާއި ސްޓޫޑެންޓް ޑީން ހިމެނޭހެން އައި.ޔޫ.އެމްގެ ދަރިވަރުންގެ ޔޫނިއަންއާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމަކީ ހުކުރު ދުވަހު އައި.ޔޫ.އެމްގެ ދަރިވަރުންގެ ޖަމިއްޔާގެ ފަރާތުން އިސްނަގައިގެން ބާއްވާ "އަދަބީ ޤުލްޒާރު" އިވެންޓުގެ އެޖެންޑާއާއި އިވެންޓާ ގުޅޭ ތައްޔާރީތަކާ މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އަދި ޔުނިވަރސިޓީއެއްގެ ދަރިވަރުންތަކެއްގެ ގޮތުގައި ތިބެ ސިޔާސީ އެއްވުންތަކާއި މުޒާހަރާތަކާއި، ސިޔާސީ މައިދާނުގައި އަމަލީގޮތުން ހަރަކާތްތެރިވުމަކީ އެކަޑެމިކް ގޮތުން ދަރިވަރުންނާ އެންމެ އެކަށޭނެ ކަމެއް ނޫންކަމަށާއި، ސިޔާސީ ކެމްޕެއިންކުރުމުގެ ވާދަވެރިކަމެއް އޮތް މިފަދަ ދުވަސްވަރެއްގައި ސިޔާސީ ހަރަކާތްތަކާއި ވީހާވެސް ދުރުގައި ތިބުމަށް ތަކުރާރުކޮށް ވައިސް ޗާންސެލަރު ހަނދާންކޮށްދެއްވިކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
ބަޔާނުގައިވަނީ ނޫސްވެރިކަމަކީ ޒިންމާދާރުގޮތުގައި ކުރަން ޖެހޭ ކަމެއްކަން ހަނދާންކޮށްދިނުމާއެކު ހަގީގީ ތެދު މައުލޫމާތާއި ޚަބަރުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މީޑިއާތަަކަށް އިލްތިމާސްކޮށްފައެވެ.