ރިޝްވަތުގައި ހިފުމަކީ ދުއާ އިޖާބަ ނުކުރައްވާނެ ކަމެއްކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
"ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ނުބައިކަން" މިމައުލޫގެ މައްޗަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި އަޑުއިވިގެންދިޔަ މިއަދުގެ ހުތުބާގައި ބުނީ ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ވަބާތަކުގެ ތެރެއިން ފިލުވާލަން އެންމެ އުނދަގޫ ވަބާއަކީ ރިޝްވަތުގެ ވަބާކަމަށެވެ. ގައުމެއްގައި ރިޝްވަތު އާއްމުވެގެން ހިނގައްޖެނަމަ މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓި ތަރައްގީގެ ދުވެލި މަޑުޖެހު ކުރިއެރުމަށް ހުރަސްއެޅޭކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
ދިވެހި މުޖުތަމައުގައިވެސް ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ އާދަ ފެތުރި އެކަމަކީ ވަރަށް އާދައިގެ ކަމެއްކަމަށް މުޖުތަމައުގެ މީހުން ދެކެން ފަށާފައިވާކަމަށް ހުތުބާގައި ބުނެދިނެވެ. ރިޝްވަތަކީ ކޮބައިކަން ހާމަކޮށްދެމުން ހުތުބާގައި ބުނީ ރިޝްވަތަކީ ތިމާއަށް ހައްގު ނޫން މަންފާއެއް ލިބިގަތުންކަމަށެވެ. އަދި ރިޝްވަތު ދޭ މީހާއާ ރިޝަވަތުގައި ހިފާ މީހާއާ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވާ މީހާއަށް މާތް ﷲ ލައުނަތް ލައްވާފައިވާކަން ހުތުބާގައި ހަނދާންކޮށްދީ އިންޒާރުކުރިއެވެ.
މިފަދަ ހަރާމް ގޮތަކަށް ހޯދާ ފައިސާ ތިމާގެ އަނބިދަރީންނާއި ތިމާގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް ކާންދިނުމުގެ ނުބައިކަން ހާމަަކުރަމުން ހުތުބާގަައިވަނީ ހަރާމް އެއްޗެއް ކައިގެން މީހާގެ ޖަހާ މަސްގަނޑު ނަރަކައަށް މާ ހައްގުކަން ބޮޑުކަމަށް މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވާކަމަށެވެ.
ހުތުބާގައިވަނީ އެންމެ ހަލާލު އެއްޗަކީ ހަލާލު މަސައްކަތްކޮށްގެން އިންސާނާ އަމިއްލައަށް ހޯދާ ތަކެތިކަން ބަޔާންކޮށްދެއްވާފައެވެ. އަދި ރިޝްވަތުގެ އަމަލުފަދަ މާތް ﷲ ހަރާމްކުރެއްވި ގޮތްގޮތުން ހޯދާ ތަކެތިން ކައިބޮއި އުޅުމަކީ އެމީހެއްގެ އަމަލުތައް މާތް ﷲ ގަބޫލުނުކުރައްވާނެކަމެއްކަމަށް ހުތުބާގައި ބުނެދިނެވެ.
މުދާ ހޯދިގޮތާއި މުދާ ހޭދަކުރިގޮތާއި ގުޅޭގޮތުން ސުވާލުކުރެވޭނެކަންވެސް ހުތުބާގައިވަނީ ހަނދާންކޮށްދީފައެވެ.
ހުތުބާ ނިންމާލަމުންވަނީ މޮރޮކޯއަށް ހުކުރު ދުވަހުގެރޭ އައި ބާރުގަދަ ބިންހެލުމާ ގުޅިގެންނާއި އާދީއްތަދުވަހު ލީބިޔާއަށް އެރި ބާރުގަދަ ތޫފާންނުގެ ސަބަބުން ނިޔާވި މުސްލިމުންނަށާއި ހާލުގައި ޖެހުނު މުސްލިމުންނާއި އަނިޔާވި މުސްލިމުންނަށްޓަކައި ހާއްސަ ދުއާއެއް ކޮށްފައެވެ.