އިންތިހާބުގެ ދެވަނަ ބުރަކަށް ވަގުތު ކުޑަތަންވަމުން އަންނައިރު އިންތިހާބު ކާމިޔާބުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ސިފަވަނީ ފިރުއައުނު ޣަރަގުވާން ފެށުމުން އިސްލާމްވީގޮތާއި އެއްގޮތައްކަމަށް ޕީޕީއެމްގެ ސެނެޓް މެމްބަރު އަދި މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މުއާޒް މިފަދައިން ވިދާޅުވީ ވީޓީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ރާއްޖޭގެ ސިޔާސީ މަސްރަހާގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

އިންތިހާބަށް ކައިރިވެފައިވާއިރު ސަރުކާރު މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް ބޯހިޔާވަހިކަން ދޫކުރުމުގެ އިތުރުން ބޮޑެތި އަދަދުތަކުން ބަދަލު ދިނުންފަދަ ކަންކަން ހިނގާތީ މިފަދަ ކަންތައްތަކުގެ ސަބަބުން އިންތިހާބުގެ ދެވަނަ ބުރެއް ކާމިޔާބުކުރުމަށް ޕްރޮގްރެސިވް ކޯލިޝަނަށް ކިހާވަރެއްގެ ޗެލަންޖަކާ ކުރިމަތިވެދާނެތޯ އެއްސެވުމުން މުއާޒް ވިދާޅުވީ ސަރުކާރުން ކުރާ މިބާވަތުގެ ކަންކަމަކީ ކޯލިޝަނަށް އެއްވެސް ޗެލެންޖެއް ނޫންކަމަށާއި ފެންނަމުންދަނީ ސަރުކާރުން ބަލިވުމުން ދެން އަމަލުކުރާގޮތްކަމަށް ރައްޔިތުންނަށް އެނގޭކަމަށެވެ.

" ބައްލަވާ މޫސާގެފާނުގެ ޒަމާނުގައި ފިރުއައުނު ޣަރަގުވާންފެށުމުން އިސްލާމްވީގޮތައް ސަރުކާރުން މިހާރު ކަންކުރަނީ. މިއީ ބޮޑެތި ވައުދުވާންވީ ވަގުތެއް ނޫން. ރައީސް ސާލިހު ވައުދެއްވީނަމަ މިވީ ފަސްއަހަރުގެ ތެރޭގައި އޮންނާނީ އެކަމެއް ކޮށްދީފައި. އެކަން ނުކޮށްދީ މިހާރު ވެރިކަން ނުލިބޭނެކަން ޔަގީންވީމަ ދައުލަތައް ބުރަ ބޮޑުކުރަން ކުރާ ކަންކަން މިއީ. ކޮން ހައްގެއްއޮތީ ދައުލަތައް ލިބެންޖެހޭ 4 ބިލިއަން ރުފިޔާ މައާފުކުރުމުގެ. ރައްޔިތުންވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ރައީސް ސާލިހަށް ނޫނެކޭ ބުނެފަ".
ޕީޕީއެމްގެ ސެނެޓް މެމްބަރު އަދި މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު

މުއާޒު ތަކުރާރުކޮށް ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނުމުން ދެން މިހާރު މިފަދަ ކަންކަން ކުރެއްވުމުގެ ހައިސިއްޔަތެއް ރައީސް ސާލިހަށް ލިބިވަޑައިނުގަންނަވާނެކަމަށެވެ. އަދި އެމްޑީޕީއާއި ރައީސް ސާލިހުގެ މިހާރުގެ މަސައްކަތަކީ ޑރ. މުއިއްޒު ވެވަޑައިގަންނަވާ ރިޔާސީ ވައުދުތައް ކޮޕީކުރެއްވުންކަމަށާއި ކިތަންމެ ވަރަކަށް ކޮޕީކުރެއްވިޔަސް އެކަންތައްތައް އެމްޑީޕީ ސަރުކާރުތަަކަށް ނުކުރެވޭނެކަން ރައްޔިތުންނަށް ސާފުވެފައިވާކަމަށް މުއާޒު ވިދާޅުވިއެވެ.

ރައީސް ސާލިހު މިހާރު ވަމުންދާ ވައުދުތަކަކީ ރައްޔިތަކަށް ހިދުމަތެއް ކޮށްދިނުމުގެ ނިޔަތުގައި ވަމުންއަންނަ ވައުދުތަކެއް ނޫންކަމާއި މިއީ "ޣަރަގުވާންފެށުމުން" ވަމުންއަންނަ ވައުދުތަކެއްކަން ކަނޑައެޅިގެން ރައްޔިތުންނަށް އެނގޭކަމަށްވެސް މުއާޒު ވިދާޅުވިއެވެ.

ސަރުކާރަށް މާލީ ބުރަ ބޮޑުވެފައިވާއިރުވެސް ބޭރު ގައުމުތަކުން ބޮޑެތި އަދަދުތަކުން ލޯނު ނަގައި ބަދަލުދިނުމާއި ސަރުކާރު މުވައްޒަފުންގެ މުސާރަތައް ވަކި ހަމައެއް އުސޫލެއްނެތި ބޮޑުކުރަމުން އަންނާތީ ރައްޔިތުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.