ވެރިކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ 5 އަހަރަށް ބަހާލައިގެން މިނިވަން މުއައްސަސާތަކާއި،ސަރުކާރުގެ މުވައްޒުން އަދި ހުރިހާ ފަރާތްތަކެއްގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފުލުހުންނާ ސިފައިންގެ މުސާރަ ދެގުނަ ކުރާނެ ވާހަކަ ޑރ. މުޢިއްޒު ވިދާޅުވެފައިވުމުން "އާސްކް މުޢިއްޒު" ޕްރޮގްރާމްގައި އާންމުންގެ މީހަކު ވަނީ އެ ދެ މުއައްސަސާގެ މުސާރަ ދެގުނަ ކުރާނެ ވާހަކަ ޑރ. މުޢިއްޒު ވިދާޅުވި އިރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިއޮތްގޮތުން އެއީ ކުރެވިދާނެ ކަމެއްތޯ ސުވާލު ކުރައްވާފައެވެ. އަދި އެއީ ސަރުކާރުގެ ބަޖެޓަށް ކޭޓަރ ކުރެވޭނެ ވަރު ކަމެއްތޯ ސުވާލު ކުރެއްވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ އެކަން ކުރުމަށް ނިންމާފައިވަނީ އެއްފަހަރާ ނޫން ކަމަށާއި، މުސާރަ ބޮޑުކުރުމަށް ނިންމާފައިވަނީ 5 އަހަރުގެ ދައުރަށް ބަހާލައިގެން 3 ފަހަރެއްގެ މަތިން ކަމަށެވެ. ހަމަ އެއާއެކު ދެންހުރި ޔުނީފޯމް ވަޒީފާތަކާއި، މިނިވަން މުއައްސަސާތަކާއި، އަދި ސަރުކާރުގެ އެހެން އޮފީސް ތަކާއި ހުރިހާ ފަރާތްތަކަށްވެސް 5 އަހަރު ތެރެއަށް ބަހާލައިގެން އެކަށީގެންވާ ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އެކަން ކުރާނީ އެއްފަހަރާއެއްނޫން. 2024 ގަ 35 ޕަސަންޓް އޭގެ 2 އަހަރު ފަހުން 2026 ގަ 35 ޕަސެންޓް، ދެން 2028 ގަ ބާކީ 30 ޕަސެންޓް. އެހެންވީމަ 3 ފަހަރުގެ މަތިން އެކަން ކުރާނީ. ހަމަ އެއާއެކު ދެންހުރި ޔުނީފޯމް ބޮޑީސްތަކަށް އެއީ، ކަރެކްޝަން ސާރވިސް، އިމިގްރޭޝަން، ކަސްޓަމްސް ފަދަ މިހެންގޮސް ހުރިހާ ފަރާތްތަކެއް، މިނިވަން މުއައްސަސާތަކާ،ސަރުކާރުގެ އެހެން އޮފީސް ތަކާ، މިހުރިހާ ފަރާތްތަކަށްވެސް ހަމަ އެކަށީގެންވާ ހެޔޮ ބަދަލެއް، އިރާދަކުރެއްވިއްޔާ 5 އަހަރު ތެރެއަށް ބަހާލައިގެން، ގެނެސްދޭނަން"
ޑރ. މުޢިއްޒު

ދިވެހި ރާއްޖޭގެ އިޤްތިޞާދު ވަރަށްބޮޑަށް ރަނގަޅުކުރަންޖެހިފައިވާކަން ފާހަގަކުރައްވާ މުޢިއްޒު ވިދާޅުވީ މުސާރަތަކަށް ހެޔޮ ބަދަލު ގެނެސްދެވޭނީ އިޤްތިޞާދަށް ކުރިއެރުން ގެނެސްދީ އާމްދަނީ އިތުރުކުރެވިގެންދާ މިންވަރަކުން ކަމަށެވެ.

އެހެންކަމުން ޕީޕީއެމް/ޕީއެންސީއިން 3 އަހަރަށް ބަހާލައިގެން ހުށަހަޅާ އިކޮނޮމިކް ޕްލޭންގެ ތެރެއިން އެކަން ކުރެވޭނެ ކަމުގެ ޔަޤީންކަން ޑރ. މުޢިއްޒު ވަނީ ދެއްވާފައެވެ.