ހުޅުމާލެ ފޭސް 3ގެ ބިންހިއްކުމުގެ މަޝްރޫއު މިއަދު ރަސްމީކޮށް ފަށައިފިއެވެ.
އެގޮތުން މި މަޝްރޫއަކި މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގެމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެއް ކަމަށް އާބަންކޯއިން މައުލޫމާތުދެއެވެ.
ހުޅުމާލެ ފޭސް 3ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު މިއަދު ފެށިގެންދާއިރު މި މަޝްރޫޢުއަކީ މާލޭގެ ގިނަ ރައްޔިތުންނެއް އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫޢެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ.
ހުޅުމާލޭގައި މިހާރު ތަރައްގީ ކުރެވެމުންދާ ފިޔަވަހިތަކެކޭވެސް އެއްފަދައިން ތިންވަނަ ފިޔަވަހީގައިވެސް ރައްޔިތުންނަށް ލުއިފަސޭހަވާނޭހެން ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް އެންމެ އަދާހަމަ ބީދައަކުން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މަގުތަކާއި ބްރިޖްގެ އިތުރުން ހިތްގައިމު ޕާރކްތައްހަދާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެއެވެ.
މިއީ ދިރިއުޅުމުގެ ވައްޓަފާޅި ބިނާކުރުމަށްޓަކައި ކުރިއަށް އެޅޭ ފިޔަވަޅެއް ކަމަށްވެސް އާބަންކޯއިން ބުނެއެވެ.
މިއާއެކު ހުޅުމާލެ ފޭސް 3ގެ އިތުރުން ކުޑަގިރި، ތިލަފުށި، ގުޅިފަޅު އަދި ދިޔަނެރު ފަޅުގެ ތަފާތު މަޝްރޫއުތައް މިހާރުވެސް ދަނި ކުރިއަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން މި މަޝްރޫޢުތަކަކީ ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތަކުގެ އިތުރުން، މި ސަރަހައްދުގައި ސިނާއީ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަށް ކުރިއަށް ގެންދިއުމަށް ދިމާވާ ދަތިތަކަށްވެސް އެތައް ހައްލެއް ލިބިގެންދާނެ މަޝްރޫޢުތަކެވެ.
އަދި މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދެކެވެ.