މެޕްސް ކޮލެޖްގެ ރިހި ޔޫބީލާ ގުޅުވައިގެން ކޮންމެ މަހަކު ހަރަކާތެއް ކުރިއަށްގެންދަން އެ ކޮލެޖުން ނިންމައިފިއެވެ.
މިގޮތުން، މިމަހުގެ ހަރަކާތް ހުކުރު ދުވަހުވަނީ ކުރިއަށްގެންގޮސްފައެވެ.
އެއީ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ވެށި ސާފުކުރުމުގެ ހަރަކާތެކެވެ. މެޕްސް ކޮލެޖްގެ މުވައްޒަފުންނާއި ދަރިވަރުންގެ ބައިވެރިވުން ފެނިގެންދިޔަ މިހަރަކާތް ފެށީ ހުޅުމާލޭ ޓާމިނަލް ޕާކުންނެވެ. ހަރަކާތުގެ ބައިވެރިންވަނީ ހުޅުމާލޭ ޓާމިނަލް ސަރަހައްދާއި ޓާމިނަލް ޕާކުގެ އިތުރުން، އެ ސަރަހައްދުގައި އޮންނަ ޕާކިން ޒޯނާއި މޭރީ ބްރައުން ހުންނަ ސަރަހައްދުން ކުނި ނަގައި ސާފުކޮށްފައެވެ.
ވޮލަންޓިއަރކުރި ކުދިންނާއި މުވައްޒަފުންގެ މެދުގައި ބައި ބަހާލައިގެން ކުރިއަށްގެންދިޔަ މިހަރަކާތުގައި ގިނަ އަދަދެއްގެ ކުނި ހޮވައި ކޮތަޅުތަކަށްވަނީ އަޅާފައެވެ.
މޫދު ހޮލިޑޭޒްއާ ގުޅިގެން ކުރިއަށްގެންދިޔަ މިހަރަކާތުގައި ބަރުދަނުން އެންމެ ގިނަ ކުނި ހޮވާ ޓީމެއް ބެލުމަށްފަހު، ވިނިންގ ޓީމުގެ ކޮންމެ މެމްބަރަކަށް ގިފްޓް ވައުޗާއެއް ވަނީ ދީފައެވެ.
މެޕްސް ކޮލެޖްގެ ވައިސް ރެކްޓަރ (އެޑްމިނިސްޓްރޭޓިވް އެފެއާޒް) އައިމިނަތު އަބްދުލް ވާހިދު "ވީނިއުސް"އާ ވާހަކަދައްކަވަމުން ވިދާޅުވީ، އަންނަ އަހަރު މެޕްސް ކޮލެކަށް 25 އަހަރު ފުރޭނެ ކަމަށާއި އެ ދުވަހާ ހަމައަށް ކުރިއަށް އޮތް ކޮންމެ މަހަކު ތަފާތު ހަރަކާތެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
މިމަހުގައި ވެށި ސާފުކުރުމުގެ ހަރަކާތެއް ބޭއްވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ވެށި ސާފުކުރުމުގެ ދުވަހާވެސް ގުޅުވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ ހަރަކާތެއް ބޭއްވުމުގެ މަގުސަދަކީ އިޖުތިމާއީ ކަމެއްގެ ގޮތުގައި ދެކިގެން ވެށީގެ ސާފުތާހިރުކަމަށް މަސައްކަތްކުރުމަށް ދަރިވަރުންނާއި މުވައްޒަފުންނަށް ބާރުއެޅުން ކަމަށްވެސް އައިމިނަތު ވިދާޅުވިއެވެ.
މެޕްސް ކޮލެޖަކީ، 2019ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު އޮންލައިންކޮށް މަތީ ތަޢުލީމު އުނގަންނައިދިނުމުގެ ޚިދުމަތް ދެމުން އަންނަ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮލެޖެވެ.
މެޕްސް ކޮލެޖުން ހިންގާ ހުރިހާ ކޯސްތަކަކީވެސް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ހުއްދައާއެކު އެއޮތޯރިޓީގެ ޤަވާޢިދުތަކާ އެއްގޮތަށް ހިންގާ ކޯސްތަކެކެވެ.
ކޯސްތަކާ ގުޅޭ ހުރިހާ މަޢުލޫމާތުތަކެއްވެސް މެޕްސް ކޮލެޖުގެ ވެބް ސައިޓް www.maps.edu.mv މެދުވެރިކޮށް ލިބޭނެއެވެ. ކޮލެޖުގެ ނަމްބަރު 3314621އަށް ގުޅާލުމުންވެސް މެޕްސް ކޮލެޖުން ހިންގާ ކޯސްތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދޭނެއެވެ.