ދިވެހި ގައުމުގައި ބިރުވެރިކަން އާންމުކުރުމަށް ރާއްޖޭގައި ތިބި އިންޑިއާ މީހުންނާ ގުޅުވައި ބަޔަކު މީހުން ދޮގު ޚަބަރު ފަތުރަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގައި ތިއްބަވާ އިންޑިއާގެ ޑިޕްލޮމެޓުންނާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގެ މުވައްޒަފުންނާއި ޖުމުލަކޮށް ރާއްޖޭގައި އުޅޭ އެގައުމަށް ނިސްބަތްވާ މީހުންނާ ގުޅުވައިގެން ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ރާވައިގެން ދޮގު ޚަބަރުތައް ފަތުރަމުން އަންނަކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މިކަމަކީ ދިވެހި ގައުމުގައި ބިރުވެރިކަން އާންމުކުރުމަށް ކުރަމުން އަންނަ ކަމެއްގެ ގޮތުގައި އެ ކޮމިޝަނުންވަނީ ސިފަކޮށްފައެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބިނާވެފައިވަނީ އެކުވެރިކަމާއި ސުލްހައިގެ މައްޗަށް ކަމަށްވާއިރު ފޭކު ނޫސް ރިޕޯޓުތައް ހަދައި ފަތުރާތީ އިންޑިއާގެ ކޮމިޝަނުންވަނީ ކަނބޮޑުވުންފާޅުކޮށްފައެވެ.

އިންޑިއާއިން ގެންގުޅޭ "ފުރަތަމަ އަވަށްޓެރި ގައުމުތަށް" ސިޔާސަތުގެ ދަށުން ރާއްޖެއަށް ހާއްސަ މަގާމެއް ދެމުން އަންނަކަން ފާހަގަކޮށް އެ ކޮމިޝަނުން ބުނީ، ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންނާމެދު ގިނަ ދިވެހިން ބަހައްޓަނީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ.

ދިވެހިންގެ ފަރާތުން އެގައުމުގެ ރައްޔިތުންނަށް ލިބޭ ލޯތްބާއި ފުރިހަމަ މެހެމާންދާރީ ބަޔާނުގައި ތަކުރާުކޮށް ފާހަގަކުރިއެވެ.

އެހެންކަމުން، ދެގައުމުގެ ގުޅުމަށް ބުރޫއަރާނޭ ފަދަ ޚަބަރުތައް ފެތުރުމާއި ގައުމުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބަޔާނުގައިވެއެވެ.

ކަމާ ގުޅުންހުރި މުވައްސަސާތަކުން އެފަދަ ކަންކަން ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ނަމަ ފިޔަވަޅު އެޅުމަށްވެސް ބަޔާނުގައިވަނީ ގޮވާލާފައެވެ.