އައްޑޫ ސިޓީގައި އޮންނަ ކޯގަންނު ގަބުރުސްތާނަށް ގެއްލުންތަކެއް ދިން މައްސަލަ ބަލަމުން އަންނަ ކަމަށް މިނިސްޓަރ އޮފް ހެރިޓޭޖް، އާރްޓްސް އެންޑް ކަލްޗަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އެއް އާސާރުކަމަށްވާ ކޯގަންނު ގަބުރުސްތާނަށް ބަޔަކު މީހުން ގެއްލުންދީފައިވަނީ މިއަދު ހުކުރު ވަގުތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ މިމައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށްވެސް ހުށައަޅާފައެވެ.

މިކަމާ ގުޅިގެން ހެރިޓޭޖް މިނިސްޓަރު ޔުމްނާ ވިދާޅުވީ މިއަދުގެ ހުކުރު ނަމާދު ވަގުތުގައި ކޯގަންނު ގަބުރުސްތާންގެ މަހާނަ ގާތަކަކަށް ގެއްލުންދިން މައްސަލާގައި އައްޑޫ ސިޓީ ކައުންސިލާވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މިނިސްޓަރ ޔުމްނާ ވަނީ ދުވަސްވީ އާސާރުތަކަށް ގެއްލުންދިނުމަކީ ޤާނޫނީ ކުށެެއްކަން ފާހަގަކުރައްވާފައެވެެ.

އެކަމަނާ ވިދާޅުވީ، ދުވަސްވީ އާސާރުތަކަށް ގެއްލުންދިނުމަކީ ވަރަށް ދެރަ ކަމެެއް ކަމަށެވެެ.

ކޯގަންނު ޤަބުރުސްތާނަކީ ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމެނޭ ތަނެކެވެ. ނުވަސަތޭކައެއްހާ ދިގު މާޒީއެއް އޮތް ކޯގަންނު ޤަބުރުސްތާނަކީ އިހުޒަމާނުގެ މަހާނަގާތައް އެއްތާކުން އެންމެ ގިނައިން ފެންނަން ހުރި ޤަބުރުސްތާނު ކަން ވެސް ފާހަގަކޮށްލެވެއެެވެ.

އެ ގަބުރުސްތާނަކީ ދިވެހިރާއްޖޭގައި އޮތް އެންމެ އާސާރީ ގަބުރުސްތާނެވެ. މި ގަބުރުސްތާނު އޮންނަނީ އައްޑުއަތޮޅު މީދޫގައެވެ. ކޯގަންނު ގަބުރުސްތާނަށް ފަނޑިޔާރުންގެ ގަބުރުސްތާނޭ ވެސް ކިޔައެވެ.

އެއީ އެތަނުގައި ފަސްދާނުލާފައިވާ އިލްމުވެރިންނާއި ފަނޑިޔާރުންގެ އަދަދު ގިނަ ކަމުންނެވެ.

މިގަބުރުސްތާނަކީ، އައްޑު އަތޮޅުގައި އެންމެ ފުރަތަމައަށް އިސްލާމްދީން ޤަބޫލްކޮށްގެން ތިބި މުސްލިމުން މަރުވުމުން އެމީހުން ވަޅުލުމަށް ޚާއްސަކުރެވިގެން ހަދާފައިވާ ޤަބުރުސްތާނެކެވެ.

ރާއްޖޭގައި ހުރި އެންމެ އުސް ދެމަހާނަ ގަލާ، އެންމެ އެވޭލާ އަދި ޤަދީމީ ޒަމާނުގެ ކުރެހުންތަކާއި ލިޔުންތައްވެސް މި ގަބުރުސްތާނުގައި ފެންނަން އެބަހުއްޓެވެ.